މުޙައްމަދު ޝާން
10 August 2018
މަޤްބޫލު ޙަބަރު

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި ކެންޑިޑެސީ ފޯމު، އެ ކޮމިޝަނުން ބަލައިގެންފިއެވެ.

ރައީސް ޔާމީންގެ ކެންޑިޑެސީ ބަލައިގެންފައިވާކަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވަނީ މިއަދު އެ ކޮމިޝަނުން ކުރި ޓުވީޓެއްގައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސް ޔާމީންގެ ފޯމު ގަބޫލުކޮށްފައިވާކަން ލިޔުމުން މިހާރު އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީންގެ ރަނިންމޭޓަކީ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރައީސް ޔާމީންގެ ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވީ އިއްޔެއެވެ. ރައީސް ޔާމީންގެ ފަރާތުން އިލެކްޝަންސްގެ ރައީސް އަހުމަދު ޝަރީފްއާ ފޯމު ހަވާލުކޮށްދެއްވީ ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރެވެ.

ރައީސް ޔާމީންގެ އިތުރުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެންޑިޑެސީ ވެސް އީސީން ވަނީ ބަލައިގެންފައެވެ. އަމިއްލަގޮތުން ވާދަކުރެއްވުމަށް ހުސައިން ނަސީރު ފޯމު ހުށަހެޅުއްވި ނަމަވެސް އީސީން ވަނީ އެ ފޯމު ބާތިލްކޮށްފައެވެ. އެ މައްސަލަ އަންނަ އާދީއްތަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހެޅުމަށް ހުސައިން ނަސީރު މިހާރު ވަނީ ނިންމައިފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ ހުސެއިން ނަސީރުގެ ފޯމް ބާތިލުކުރީ އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ނަމަ ހުށަހަޅާ 1500 މީހުންގެ ސޮއިގައި މައްސަލަތަކެއް ހުރުމުންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ދާއިމީ އެޑްރެސްގައި މައްސަލަތަކެއް ހުރުމުން ކަމަށެވެ. އަދި އޭނާގެ ރަނިންމޭޓް ޝެއިޚް ނަސްރުﷲ މުސްތަފާގެ ކުށުގެ ރެކޯޑުގައި މައްސަލަތަކެއް ހުރިކަން ވެސް ފާހަގަކުރެއްވިއެވެ.

އަމިއްލަ ގޮތުން ވާދަކުރާނެ ކަމަށް އިއުލާނުކުރި ނަމަވެސް، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސައިން ވަނީ އިންތިހާބުގައި ވާދަނުކުރަން ނިންމައިފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©