މުޙައްމަދު އީމާން
23 August 2018
މަޤްބޫލު ޙަބަރު

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ސީރިއަސް ވެފައި ވަނިކޮށް، އެމަނިކުފާނު ދޫނިދޫ ޖަލަށް ބަދަލުކޮށްފިއެވެ.

މައުމޫން ރީފޯމް މޫވްމަންޓުން ބުނި ގޮތުގައި، ރައީސް މައުމޫން މާފުށިން ދޫނިދޫއަށް ބަދަލު ކުރުމަށް މިހާރު ވަނީ ފުރާވަޑައިގެންފައެވެ. ނަމަވެސް ދޫނިދޫއަށް މައުމޫން ބަދަލު ކުރާ ސަބަބެއް އަދި ސާފެއް ނުވެއެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ފުލުހުން ހިންގި ތަހުގީގަށް ދޯން ދީފައި ނުވާތީ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ އެއް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް މައުމޫން ދޫނިދޫއަށް މިއަދު ބަދަލުކުރައްވާއިރު، އެމަނިކުފާނުގެ ސިއްހީ ހާލަތު ގޯސްވެގެން މީގެ ދެ ދުވަހެއް ކުރީން ވަނީ މާލެއިން ޑޮކްޓަރުންތަކެއް ވެސް އެމަނިކުފާނަށް ފަރުވާ ދެއްވުމަށް މާފުށީ ޖަލަށް ގެންގޮސްފައެވެ.

އަދި އެކަމާ ގުޅިގެން އެތައް ބަޔަކު ދަނީ އެމަނިކުފާނަށް އެކަށީގެންވާ ފަރުވާ ނުދޭ ކަމަށްބުނެ، ޖަލު ބަންދުން މިނިވަންކޮށް އާއިލާއާ ހަވާލުކުރުމަށް ގޮވާލަމުންނެވެ.

ރައީސް މައުމޫން އަކީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.

އެހެން ނަމަވެސް، އުމުރުން 80 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ރައީސް މައުމޫން ޖަލުގައި ބަންދުކޮށްފައި ހުންނެވިއިރު، ސަރުކާރުން ވަނީ އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފައެވެ. އަދި އެ ދައުވާތަކުގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާއިރު، އެ ދައުވާތައް ސާބިތުވެއްޖެނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ރައީސް މައުމޫންގެ މައްޗަށް އަންނާނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©