Thu, 2 April, 2020, 2:24 am
އެއާޕޯޓުގެ އާ ރަންވޭގައި ތާރުއަޅާ ނިމިއްޖެ

ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ހަދާ އާ ރަންވޭގައި ތާރު އަޅައި ނިމިއްޖެއެވެ.

އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ، އާ ރަންވޭގައި އަޅަމުންދިޔަ ތާރު އެޅުމުގެ މަސައްކަތުގެ ދަށުން ތާރުގެ ފަހު ލޭޔަރު އަޅައި ނިންމާލާފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ރަންވޭގައި މާކު ކުރެހުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތެވެ.

ދުނިޔޭގައި ބޭނުންކުރާ އެންމެ ބޮޑެތި ފްލައިޓް، A380 ވައިޑް ބޮޑީ އެއާކުރާފްޓުތަކަށް ވެސް ދަތިކަމެއް ނެތި ޖެއްސޭގޮތަށް ތަރައްގީ ކޮށްފައިވާ ވީއައިއޭގެ އާ ރަންވޭއަކީ 3.4 މީޓަރު ދިގު އަދި 60 މީޓަރު ފުޅާ ރަންވޭއެކެވެ.

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން އަޅާ އެ ރަންވޭއަށް 400 މިލިއަން ޑޮލަރު ހަރަދުވާއިރު، އާ ރަންވޭގެ އިތުރުން އާ ޓާމިނަލަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތާއެކު ފިއުލް ފާމް އަކާއި ކާގޯ ކޮމްޕުލެކްސް އަދި އޭޕްރަންގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

އެމްއޭސީއެލުން މީގެ ކުރިން ބުނެފައިވަނީ، އެ ކުންފުނީގެ އަމާޒަކީ މި މަސް ނިމުމުގެ ކުރިން ރަންވޭގެ އަމަލީ މަސައްކަތް ނިންމައި އަންނަ މަހުގެ ކުރީކޮޅު ޓެސްޓު ފްލައިޓް ޖެއްސުން ކަމަށެވެ.

އާ ރަންވޭއާއެކު ވީއައިއޭގެ އޮޕަރޭޝަނަށް ފަސޭހަތަކެއް ލިބިގެންދާއިރު، އެމްއޭސީއެލުން މިހާރު ނިންމާފައިވަނީ މިހާރު ބޭނުން ކުރާ ރަންވޭ ޓެކްސީ ވޭއަކަށް ބަދަލުކުރުމަށެވެ.

Leave a comment

Your email address will not be published.