Sun, 29 March, 2020, 10:51 am
މުރަނގަ ފަތް، ނުކައި ދޫކޮށްލެވޭ ވަރުގެ އެއްޗެއް ނޫން!

މުރަނގަ ފަތަކީ އާއްމުކޮށް ރާއްޖޭގެ ހުރިހާ ރަށަކުންވެސް ލިބެން ހުންނަ ފަތެކެވެ. ހަމައެއާއެކު އެއީ ދިވެހިންގެ ކެއުމުގައި ވެސް ވަރަށް އާއްމުކޮށް ބޭނުން ކުރަމުން އަންނަ ފަތެކެވެ. އެގޮތުން ރިހަ ކައްކައިގެންނާ ތެލުލައިގެން އަދި ބިސްގަނޑު ފަދަ ބައެއް ކާ އެއްޗެހި ތައްޔާރު ކުރުމުގައިވެސް މުރަނގަ ފަތް ބޭނުން ކުރެ އެވެ.

އާއްމުކޮށް ހުރިހާ ކެއުމެއްގައިވެސް ހިމަނާ މުރަނގަ ފަތަކީ ސިއްހަތަށް ވެސް ފައިދާ ހުރި ފަތެކެވެ. އެ ފަތުުގައި ކެލްޝިއަމް އާއި އަޔަން އަދި ބީޓާ ކެރޮޓިން ގިނަ އަދަދަކަށް އެކުލެވެ އެެވެ. ހަމައެއާއެކު ޒިންކާއި ޕޮޓޭޝިއަމް އަދި ވިޓަމިން ބީ އަކީވެސް އެ ފަތުގައި އެކުލެވޭ، ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތަކެކެވެ.

އެހެންކަމުން ގަވާއިދުން މުރަނގަފަތް ބޭނުން ކުރުމަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދޭނެ ކަމެކެވެ. އެގޮތުން އެއީ މޫސުމީ ރޯގާތަކާއި އެހެނިހެން ބަލިމަޑުކަމުން ހަށިގަނޑު ދިފާއު ކުރުމަށް ވެސް އެހީތެރި ވެދޭނެ ކަމެކެވެ.

ކުރިން ވެސް ފާހަގަ ކުރި ފަދައިން މުރަނގަ ފަތުގައި ގިނަ އަދަދަކަށް ކެލްޝިމް އެކުލެވެ އެވެ. ކެލްޝިއަމް އަކީ ކަށިތަކުގެ ދުޅަހެޔޮ ކަމަށް ބޭނުންވާ އެންމެ މުހިއްމު އެއް މާއްދާ އެވެ. އެހެންކަމުން ކެއުމުގައި މުރަނގަފަތް ހިމެނުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ.