މުޙައްމަދު ސިމާދު
20 މާރޗް 2019
މަޤްބޫލު ޙަބަރު

މިދިޔަ ސެޕްޓެމްބަރު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލާފައިވާ ކަމަށްބުނެ، އިންތިހާބު ބާތިލްކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގެ ޝަރީއަތް އަންނަ އާދީއްތަ ދުވަހު ފަށަން ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓްގައިވާ ގޮތުން އިލެކްޝަން ކޮމިޝަނާ ދެކޮޅަށް ދައުވާ ކުރާ އެ މައްސަލަ ތާވަލްކޮށްފައިވަނީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ 1:00 އަށެވެ.

އަދި އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން މިއަދު ބާއްވާފައިވާއިރު އަންނަ ހޮނިހިރު ދުވަހަށް ހުށަހެޅިފައިވާ މައްސަލައަށް ލިޔުމުން ޖަވާބުދާރީވުމަށް އިލެކްޝަން ކޮމިޝަނަށް ސުޕްރީމް ކޯޓުން މިއަދު ވަނީ އަންގާފަ އެވެ.

އިންތިހާބު އޮޅުވާލާފައިވާ ކަމަށް ބުނެ އެކަމުގެ ހެކިތަކާއެކު އެ މައްސަލަ، ސަރުކާރު ހިންގާ ޕީޕީއެމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެއެވެ.

ނިމިދިޔަ އިންތިހާބުގައި ޖުމްލަ 230،757 މީހުން ވޯޓުލާފައިވާއިރު ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބޫއަށް ލިބިވަޑައިގަތީ 134،705 ވޯޓެވެ. އެއީ ވޯޓުގެ 58.40 ޕަސެންޓެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ 96،052 ވޯޓެވެ. އެއީ ވޯޓުގެ 41.60 ޕަސެންޓެވެ.

އަދި އެ ނަތީޖާއާއެކު ރައީސް ޔާމީނާއި ޕީޕީއެމްއިން ވެސް މީގެ ކުރިން ވަނީ އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް، އިންތިހާބީ ރައީސް އިބޫއަށް މަރުހަބާ ވިދާޅުވެފައެވެ.

ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރި ފަހުން، ވޯޓުގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަން އަށާއި އެ ކޮމިޝަންގެ މެންބަރުންނަށް ގެންދަނީ ބޮޑެތި ތުހުމަތުތަކެއްކޮށް، ނަތީޖާ ގަބޫލުކުރަން ދެކޮޅު ހަދަމުންނެވެ. އެގޮތުން އެކަމާ ދެކޮޅަށް އަޑުއުފުލުމަށް ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، އެ މުޒާހަރާތަކުގެ ތެރޭގައި އިލެކްޝަން ކޮމިޝަންގެ މެންބަރުންގެ އިސްތިއުފާ އަށް ވެސް ގޮވާފައިވެއެވެ.

haftha.mv 2004 ©