.
27 December 2015
މަޤްބޫލު ޙަބަރު

adheeb

ރިޔާސީ ފިނިފެންމާ ލޯންޗްކޮޅުގައި އެއްޗެއް ގޮށްވާލި މައްސަލައިގައި ކުރީގެ ނައިބުރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދެންމެއަކު ބުނެފިއެވެ.
ފުލުހުން މީގެ އިރުކޮޅެއްކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ28 ސެޕްޓެމްބަރު 2015 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަޙުޤީޤަށް ބަންދުކޮށްފައިވާ ހ. ސާމަރާ އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ރިޔާސީ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި މިހާރު ތުހުމަތު ނުކުރާ ކަމަށާއި، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ތުހުމަކުރަނީ އެމް.އެމް.ޕީ.އާރ.ސީގެ މައްސަލައެއްގެ ތުހުމަތު އެކަނިކަމަށް ފުލުހުންނާއި ހަވާލާދީ، އަޙްމަދު އަދީބު އަބްދުލްޣަފޫރުގެ ޤާނޫނީ ވަކީލު ޙުސައިން ޝަމީމްގެ ނަމުގައި 2015 ޑިސެމްބަރު 27 ވަނަ ދުވަހު ޢާއްމު ކޮށްފައިވާ ބަޔާނަކީ ހަޤީޤަތާއި ޚިލާފް ދޮގު ބަޔާނެއްކަމުގައެވެ.
އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ބަޔާނަށް ރައްދުދެއްވަމުން ފުލުހުންބުނެފައިވަނީ ރިޔާސީ ލޯންޗް ކޮޅުފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތުގައި 2015 އޮކްޓޫބަރު 24 ވަނަދުވަހު އަޙްމަދު އަދީބު ހައްޔަރުކޮށް އެމައްސަލައިގެ ތަޙުޤީޤު ހިނގަމުންދަނިކޮށް، އަހްމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ މައްސަލައަކާއި ގުޅިގެން އެމައްސަލައިގެ ޝަރީއަތް ނިމެންދެން އަހްމަދު އަދީބު އަބްދުލްޣަފޫރު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމާއި ގުޅިގެން އެއަމުރާއި އެއްގޮތަށް، އަހްމަދު އަދީބު އަބްދުލްޣަފޫރު މައްޗަށް ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައިގެ ބަންދަށް އަޙްމަދު އަދީބު އަބްދުލްޣަފޫރު ބަދަލުކުރިކުރުން އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވި ތަހްޤީޤްކުރަމުން ދިޔަ މައްސަލައިގެ ތުހުމަތުން ބަރީޢަކުރުން ކަމުގައި ބަޔާންކޮށް ބަޔާނެއް ނެރެފައިވަނީ ކަމުގެ އަސްލު އޮޅުވާލުމަށްކަމުގައެވެ.
ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ތަޙްޤީޤްކުރަމުންދާ މައްސަލަތަކާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފަށް ފުލުހުންނާއި ހަވާލާދީ އަހްމަދު އަދީބު އަބްދުލްޣަފޫރުގެ ޤާނޫނީ ވަކީލު ހުސެއިން ޝަމީމްގެ ނަމުގައި ނެރެފައިވާ ބަޔާނުގައި ފުލުހުންނަށް ނިސްބަތްކޮށް ބުނެފައިވާ ވާހަކަތަކީ ދޮގެއްކަމަށާއި އަދި މިއަމަލު ކުށްވެރިކުރާކަމުގައެވެ. އަދި ފުލުހުންގެ މަސައްކަތާއި ގުޅޭ ގޮތުން ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ހަޤީޤަތާއި ޚިލާފް އަމަލުތައް ހިންގާ ފަރާތްތަކާއި ގުޅޭގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ.

Leave a Reply

Your email address will not be published.

haftha.mv ©