.
31 December 2015
މަޤްބޫލު ޙަބަރު

medium_66079

ހަތިޔާރު ގެންގުޅުމުގެ ކުށުގައި11 އަހަރަށް ޖަލަށްލާފައިވާކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަރޔަޑް މުހައްމަދު ނާޒިމް ހަތިޔާރު ގެންގުޅުއްވަނިކޮށް ފެނިފައި ނުވާކަމަށްބުނެ ނާޒިމްގެ ހެކިން ހެކިބަސްދީފިއެވެ.މިއަދު ހައިކޯޓްގައި ކުރިއަށްދިޔަ ނާޒިމްގެ އިސްތިއުނާފް ޝަރީއަތުގައި ހެކިބަސް ދީފައިވަނީ ނާޒިމް މިނިސްޓަރަކަށް ހުންނެވިއިރު ބޮޑީގާޑުންގެ ގޮތުގައި މަސައްކަތް ކުރި ދެ މީހަކާއި ނާޒިމްގެ ޑްރައިވަރުންގެ ގޮތުގައި މަސައްކަތްކުރި ދެމީހެއްކެވެ.
މި މީހުންނަކީ ދިފާއީ ހެކިންގެ ގޮތުގައި ނާޒިމްގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅިޔަސް އެ ކޯޓުން އޭރު ހާޒިރުކޮށްފައި ނުވާ ބައެކެވެ.
އެ ހަތަރު މީހުން ވެސް މިއަދު ކޯޓުގައި ބުނީ. ނާޒިމް ގެއިން ބޭރަށް ނުކުމެވަޑައިގަންނަވަނީ ސެކިއުރިޓީންނާ އެކު ކަމަށާއި އެކަމަކު ދުވަހަކު ވެސް އެއްވެސް ބާވަތެއްގެ ހަތިޔާރެއް ނާޒިމް ގެންގުޅުއްވަނިކޮށް އެ މީހުންނަށް ފެނިފައިނުވާ ކަމަށެވެ.ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލަ އާއި ވަޒަން އަޅާފައި އޮތް ދަބަހުގެ ފޮޓޯއެއް އެ ހަތަރު މީހުންނަށް ދެއްކުމުން، އެ މީހުން ބުނީ އެއްވެސް އިރެއްގައި އެކަހަލަ ދަބަހެއް ނާޒިމް ގެންގުޅެނިކޮށް ފެނިފައިނުވާ ކަމަށެވެ. ނާޒިމް އަބަދުވެސް ގެންގުޅުއްވަނީ ލެޕްޓޮޕް އަޅާ ބާވަތުގެ ދަބަހެއް ކަމަށާއި އެކަމަކު އެ ދަބަހުގައި ހުންނަނީ ލިޔުންތައް ކަމަށް ބެލެވޭ ކަމަށް ވެސް އެ މީހުން ހެކިބަސް ދެމުން ބުންޏެވެ.
މީގެ އިތުރުން ނާޒިމްގެ އެޕާޓްމެންޓުގެ ތަޅުދަނޑި ގިނައިން އޮންނަނީ ނާޒިމް ދަތުރުކުރެއްވި ކާރުގެ ތެރޭގައި ކަމަށް ވެސް އެ މީހުން ހެކިބަސް ދިނެވެ. އެ އެޕާޓްމެންޓުގެ ތަޅުދަނޑި ކާރު ތެރޭގައި އޮންނައިރު، އެ އޮންނަނީ ބަންޑާރަ ކޮށީގައި މިނިސްޓަރުގެ ބިއުރޯ ތެރޭގައި ތަޅު ނުލާ ހުންނަ ވަތްގަނޑެއްގެ ތެރޭގައި ކަމަށް އެ މީހުން ބުންޏެވެ.
އެ ހަތަރު މީހުންގެ އިތުރުން ހަތިޔާރުން ފެނުނު ފިންގަޕްރިންޓް ތަހުލީލުކުރި ފުލުސް މީހާގެ ހެކިބަސް ވެސް ހައި ކޯޓުން މިއަދު ނެގި އެވެ. އެ ތަހުލީލުކުރި ސަބް އިންސްޕެކްޓަ އުސާމަތު މުހައްމަދު ހެކިބަސް ދެމުން ބުނީ. އެ ހަތިޔާރުން ނާޒިމާއި ނާޒިމްގެ އާއިލާގެ އެއްވެސް މެމްބަރެއްގެ ފިންގަޕްރިންޓް ފެނިފައިނުވާ ކަމަށާއި އެކަމަކު އެހެން މީހެއްގެ ފިންގަޕްރިންޓް އެއިން ފެނުނު ކަމަށެވެ.
އުސާމަތުގެ އިތުރުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމެންޓްގެ ވެރިޔާ އަހުމަދު މުސްލިމް ވެސް މިއަދު ވަނީ ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©