މުޙައްމަދު އީމާން
06 December 2018
މަޤްބޫލު ޙަބަރު

“ގައުމީ ވިންދު” ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ. އެ އުފެއްދުމުގެ ހުއްދަ ދީފައިވަނީ ޕީޕީއެމްގެ ކުރީގެ މެންބަރު މުހައްމަދު ރަމީޒު އަލީ (އޮގަރު ރަމީޒު) އަށެވެ.

މިއީ އާ ސިޔާސީ ޕާޓީއެއް އުފައްދަން އިލެކްޝަން ކޮމިޝަނުން ހުއްދަ ދިން ތިން ވަނަ ފަރާތެވެ.

އެގޮތުން، މިއަހަރުގެ ކުރީކޮޅު ގާނޫނީ ވަކީލު އަބްދުﷲ ހަސީންއަށް، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި ޕާޓީއެއް އުފައްދަން ވަނީ ހުއްދަ ދީފައެވެ.

އަދި މިދިޔަ މަހުގެ 29ގައި “މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް”ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ، ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފަށް ވަނީ ދީފައެވެ.

“މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް”ގެ ނަމުގައި އެ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވާއިރު، އެޕާޓީން ދަނީ ޕާޓީ ރަޖިސްޓްރީ ކުރުމަށް ބޭނުންވާ މެންބަރުންގެ އަދަދު ހަމަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ކުރީގެ ނައިބް ރައީސް އަހުމަދު އަދީބަކީ ވެސް އެޕާޓީގެ މެންބަރެކެވެ.

މިވަގުތު އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީކޮށްފައިވާ ހަ ޕާޓީއެއް އެބަ އޮތެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީ އާއި ޑީއާރުޕީއެވެ.

haftha.mv ©