މުޙައްމަދު އީމާން
06 December 2018
މަޤްބޫލު ޙަބަރު

ކުޑަ އަންހެން ކުއްޖަކާއެކު ބަދު އަހުލާގީ އަމަލު ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަަލަށް ލާފައިހުރި، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ)ގެ ހުކުމް ލުއިކޮށްދީ މިނިވަން ކޮށްފިއެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާސެކްރެޓަރީގެ މަގާމު އަދާކުރި ހޯރަ އިއްބެ ހައްޔަރުކުރީ، 2012 ވަނަ އަހަރު 17 އަހަރުގެ އަންހެން ކުއްޖަކާއެކު ކޮޓަރިއެއްގައި ތިއްބައެވެ. އަދި ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ކުށް ސާބިތުވެ 2013 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހު އޭނާ 10 ޖަލަށް ލާން ހުކުމްކުރިއެވެ.

ނަމަވެސް އިއްބެ ފަހުން ވަނީ އެ އަންހެން ކުއްޖާއާ ކައިވެނިކޮށް އެ ކައިވެންޏަށް ދަރިއަކު ވެސް ހޯދައިފައެވެ.

ހޯރަ އިއްބެ މިއަދު މިނިވަންކުރިއިރު، ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފް ދެވޭ ކުށެއް ނޫނެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަދަބު ލުއިކޮށްދިނީ ބާކީ ފަސް އަހަރު އޮއްވައެވެ.

ރައީސް ސޯލިހް އިއްބެގެ އަދަބު ލުއިކޮށްދެއްވަން ނިންމެވީ 2016 ވަނަ އަހަރު ކްލިމެންސީ ބޯޑުން ދީފައިވާ ލަފަޔަށް ބިނާ ކުރައްވައެވެ.

އެގޮތުން އިއްބެ މިނިވަންކުރުމާއެކު ރައްޔިތުން ގެންދަނީ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަމާ ގުޅިގެން އިއްބެގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރު އިއްޔެ ވަނީ ބަޔާނެއް ވެސް ނެރެފައެވެ.

އެ ބަޔާނުގައި އޭނާ ބުނެފައިވަނީ، އިއްބެގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި އިސްލާމީ ޝަރީއަތުން އެމީހުންނާމެދު ދޭންޖެހޭ އަދަބު ދޭންވީ ކަމަށެވެ.

haftha.mv ©