މުޙައްމަދު އީމާން
06 December 2018
މަޤްބޫލު ޙަބަރު

މާލެއަށް އިއްޔެ މެދުނުކެނޑި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ޔުނިވާސަލް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ތިން ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ދީފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގައި މިއަދު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ޔުނިވާސަލްގެ ފަރާތުން ދިން އެ އެހީއާ ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި އެ ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓަރ ހިސާން ހަސަންއެވެ.

ރަސްމިއްޔާތުގައި ޔުނިވާސަލްއަށް ޝުކުރުއަދާ ކުރައްވާ މިނިސްޓަރު މާރިޔާ ވިދާޅުވީ، އިއްޔެގެ ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ޔުނިވާސަލްގެ ޗެއާމަން ހަމްދަރުދީ ފާޅުކުރައްވާ ނޯޓެއް ވެސް ފޮނުއްވި ކަމަށެވެ.

އަދި ކުއްލިއަކަށް ދިމާވާ މިފަދަ ކަންކަމުގައި ކުރު މުއްދަތާއި ދިގު މުއްދަތުގައި ވެސް ބޮޑު ހަރަދެއް ކުރަންޖެހޭއިރު، އިތުރު ފަރާތްތަކުން ވެސް އެހީތެރިކަން ދޭން ހުށަހަޅަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އެކި ފަރާތްތަކުން ދޭ ފައިސާގެ އަަދަދު މީޑިއާއަށް ހާމަކުރަނީ ލިބުނު ވަރާއި އެހީދެނީ ކޮންކޮން ބައެއްކަން ރައްޔިތުންނަށް އެންގުމަށް ކަމަށެވެ. އަދި އެގޮތުން ލިބޭ ފައިސާ ހަރަދުކުރާނެ ގޮތް ވެސް ހާމަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އިއްޔެ ހެނދުން ފެށިގެން މެދުނުކެނޑި ކުރި ވިއްސާރައިގައި މާލެއަށް 200 މިލިމީޓަރަށްވުރެ ގިނަ މިންވަރަކަށް ވާރޭ ވެހުނުއިރު އެއީ މިހާތަނަށް ރެކޯޑެކެވެ. އަދި ވެހުނު ވާރޭގެ ސަބަބުން މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަކުލާ ހަމައަށް ފެން ބޮޑުވިއިރު، ގިނަ ގެތަކަށާއި ފިހާރަތަކަށް ފެން ވަނުމާއި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ލިބުނެވެ.

ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީވުމަށް ޔުނިވާސަލް އިން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިންއިރު، އިއްޔެ ދިރާގުން ވެސް ވަނީ އެ އާއިލާތަކަށް އެހީވުމަށް ދެ ލައްކަ ރުފިޔާގެ ފައިސާގެ އެހީއެއް ޑިޒާސްޓާ ސެންޓަރަށް ހަދިޔާކޮށްފައެވެ.

އޭގެ އިތުރުން ފެން ހިންދުމުގެ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އެލިއާއިން ވަނީ ފެން ހިއްކުމަށް ބޭނުންކުރާ ނުވަ ޕަމްޕު، އެމްއެންޑީއެފްއަށް ހަދިޔާކޮށްފައެވެ.

haftha.mv ©