މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

ވަކި ހާއްސަ ޝަރުތުތަކެއް ހަމަވާ ފިހާރަތަކަށާއި ރެސްޓޯރެންޓް، ހޮޓާ އަދި ކެފޭތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދޭން އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވާއިދާއި ސައި ހޮޓަލާއި ކެފޭ އަދި ރެސްޓޯރެންޓް ހިންގުމުގެ ގަވާއިދަށް އިކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުތަކުގައި ބުނެފައިވާ ގޮތުގައި، އެފަދަ ތަންތަން 24 ގަޑިއިރަށް ހުޅުވުމުގެ ހުއްދަ ދެވޭނީ ވަކި ޝަރުތުތަކެއް ފުރިހަމަ ކުރުމުންނެވެ.

އެގޮތުން، 24 ގަޑިއިރަށް ވިޔަފާރި ކުރުމަށް ހުއްދަ ދޭން ނިންމާފައިވަނީ، އެތަނެއް ބޭރުން ބަލާއިރު ފިހާރައިގެ އެތެރެ ސާފުކޮށް ފެންނާނެ ގޮތަށް އަލިކޮށްފައި ހުރުމާއެކު 24 ގަޑިއިރު ސީސީޓީވީ އޮޕަރޭޓް ކުރާ ތަންތަނަށެވެ.

އަދި އެތަނަކީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލަކުން ކަނޑައަޅާ ސަރަހައްދެއްގައި ހިންގާ ތަންތަނަށް ވާންޖެހޭނެއެވެ. ނަމަވެސް ރާއްޖޭގައި ހިންގާ ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދައެއް ނުދޭނެ އެވެ.

އޭގެ އިތުރުން 24 ގަޑިއިރު ހިދުމަތް ދޭ ކެފޭ، ރެސްޓޯރެންޓް ހޮޓާތަކުގައި މެންދަމު، 1:00 އިން ފަތިހު 4:30 ދެމެދު ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަންޖެހެއެވެ.

އެކޮނޮމިކް މިނިސްޓްރީން ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ، 24 ގަޑިއިރުގެ ވިޔަފާރިއަށް ހުއްދަ އެއް ނަގަންޖެހެއެވެ. ހުއްދަ ދޫކުރަން އެދެން ޖެހެނީ އެކަމަށް ހާއްސަ ކޮށްފައިވާ ފޯމެއްގެ ޒަރިއްޔާއިން ރަށްރަސުގައި ނަމަ އެރަށެއްގެ ކައުންސިލަށް ސިޓީތަކުގައި ނަމަ ސިޓީ ކައުންސިލަށެވެ. އަދި އެކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެކަމަށް އެދި ހުށަހެޅޭނެއެވެ.

މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ، 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ކޮންމެ ފަހަރަކު ދެ އަހަރު ދުވަހަށް ދިނުމަށެވެ. އަދި ހުއްދަ ލިބުމުން ފީއެއްގެ ގޮތުގައި 2،000 ރުފިޔާ މީރާއަށް ދައްކަން ޖެހެއެވެ. އެ ހުއްދަ ދިނުމުން، އެތަނެއްގެ ބޭރުގައި، 24 ގަޑިއިރު ވިޔަފާރިކުރާ ކަން އެނގޭނެ ބޯޑެއް ވެސް ބަހައްޓަންޖެހެ އެވެ.

އެ އިސްލާހުތައް ބުނާގޮތުން، މިނިސްޓްރީ އިން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފުވެއްޖެނަމަ، ފުރަތަމަ ފަހަރު 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ހަ މަހަށް ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ޚިލާފްވާނަމަ، އެއްކޮށް ހުއްދަ ބާތިލް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ހުއްދަ ނެގުމަށްފަހު، 24 ގަޑިއިރު ވިޔަފާރި ނުކުރާ ނަމަވެސް ހުއްދަ ބާތިލް ކުރެވޭނެއެވެ.

haftha.mv 2004 ©