.
19 މާރޗް 2019
މަޤްބޫލު ޙަބަރު

މާލޭގަ ޓެކްސީތަކުންދެމުންގެންދާ ޚިދުމަތާއި، ޓެކްސީތަކުގެ އަގުތަކާއި ގުޅިގެން ރައްޔިތުންގެ ޚިޔާލުހޯދުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހުޅުވާލައިފިއެވެ.

”ގްރޭޓާރ މާލޭ ރީޖަން- ޓެކްސީ ފެއާރ ސާރވޭ“ގެ ނަމުގައި ހުޅުވާލާފައިވާ މި ސާރވޭގައި، ޓެކްސީތަކުގައި މީޓަރުހަރުކުރުމާއި އޮންލައިން އެޕްލިކޭޝަން ބޭނުންކުރުމަށާއި މި ޚިދުމަތްތައް ޓެކްސީތަކަށް ދޭން ފެންނަ މުއްދަތާއި ބެހޭގޮތުން ޚިޔާލު ހޯދުމަށްވަނީ ހަމަޖެހިފައެވެ.

މިސާރވޭގައި މާލެތެރެއަށް ޓެކްސީކުރުމަށް ނަގާ ފީއާއި މާލެއިން ހުޅުލެއަށް ނަގާ ފީގެ އިތުރުން މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކުގައި ނަގާ ފީއާއި ބެހޭގޮތުން އާންމުންގެ ޚިޔާލު ހޯދާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބުނެފައެވެ. އެ އޮތޯރިޓީން ބުނީ ޓެކްސީގެ އަގުތަކުގެ އިތުރުން މިހާރު ޓެކްސީގެ ޚިދުމަތްދޭ ކާރުތަކުގެ ހާލަތާއި ބޭހޭގޮތުން ޚިޔާލުހޯދުމަށް މި ސާރވޭގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ޓެކްސީގެ ޚިދުމަތް ދިނުމަށް ވަކިވަކި ޓެކްސީގެ ބަދަލުގައި ކުންފުނިތަކުން ޓެކްސީތައް އޮޕަރޭޓުކުރުމާއި އެއާރޕޯޓް ޓެކްސީގެ ގޮތުގައި ޓެކްސީގެ ޚިދުމަތް ތަޢާރަފްކުރުމާއި ބެހޭގޮތުން ވެސް އާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލާފައިވެއެވެ.

”ގްރޭޓާރ މާލޭ ރީޖަން- ޓެކްސީ ފެއާރ ސާރވޭ“ ގައި މިހާރުވެސް 7000 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު މި ސާރވޭގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އޮންލައިންކޮށް ކުރިއަށްދާ މި ސާރވޭގައި ބައިވެރިވުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓާއި ޓްވިޓަރ އެކައުންޓުން ސާރވޭއަށް ޚިޔާލު ހުށަހެޅޭނެއެވެ.

haftha.mv 2004 ©