މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

މާލެ ހުޅުލެ ގުޅުވައިދޭ، ސިނަމާލެ ބްރިޖް މަތީގައާއި ހުޅުލެ ހުޅުމާލެ ގުޅުވައިދޭ ހައިވޭ މަތީގައި ދުއްވާ ފަރާތްތަކުން ހެލްމެޓް އަޅަން ސަރުކާރުން މަޖުބޫރުކޮށްފިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވީ، ބްރިޖު ހުސް ކުރާއިރު ހެލްމެޓް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅަން ނިންމީ، ބްރިޖް މަތީގައި އެކްސިޑެންޓުތައް ގިނަވަމުންދާތީ ކަމަށެވެ.

އެގޮތުން، އަންނަ މާރިޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖު ހުރަސް ކުރެވޭނީ ހެލްމެޓް އަޅައިގެން ކަމަށާއި އެ މުއްދަތުގެ ފަހުން ހެލްމެޓް ނާޅާ ބްރިޖާއި ހައިވޭގައި ދުއްވާނަމަ ފުލުހުން އެމީހަކު ހުއްޓުވާ ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރިންގުރޯޑުގައި ވެސް އާންމު މިންގަނޑަށްވުރެ ބާރަށް ބައެއް ފަރާތްތަކުން ދުއްވަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ބްރިޖާއި ހައިވޭ މަތީގައި ހެލްމެޓް އަޅަން ސަރުކާރުން މަޖުބޫރުކުރާއިރު، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާނެ ކަންތައްތަކުގެ ތެރޭގައި މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެ ގޮތުން، މައުލޫމާތު ފޯރުކޮށްދޭ ކެމްޕެއިނެއް ފަށާ، 5000 ހެލްމެޓް ހިލޭ ބަހަން ވަނީ ނިންމައިފައެވެ.

އެ ވައުދަކީ ސަރުކާރުގެ ފުރަތަމަ ދެ މަސް ދުވަހުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދުފުޅެކެވެ.

haftha.mv 2004 ©