މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

ވެރިކަމާ ހަވާލުވެލެއްވުމުގެ ހަ މަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އާމްދަނީގެ ގޮތުގައި ލިބިލެއްވީ 1.5 މިލިއަން ރުފިޔާ ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

ސަރުކާރުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާންތައް ރޭ ރައީސް އޮފީހުން ހާމަކުރެއްވިއިރު، އޭގައި ބުނެފައިވާގޮތުން، ވެރިކަމަށް ރައީސް ސޯލިހު ހަވާލުވެލެއްވުމުގެ ހަ މަސް ދުވަސް ކުރިން މުސާރައާއި އެހެނިހެން ގޮތްގޮތުން ލިބިލައްވާފައިވަނީ ޖުމްލަ 1,532 ,680 ރުފިޔާއެވެ.

އަދި މިލްކިއްޔާތުގައި ހުރި މުދަލަކީ އުފަން ރަށް، ޅ. ހިންނަވަރުގައި އޮންނަ އެއް ގޯއްޗެވެ. ރައީސް ސޯލިހުގެ އެއްވެސް ދަރަންޏެއް އޮތްކަމަކަށް ބާލީ ބަޔާނުގައި ބުނެފައެއް ނެތެވެ.

ނައިބް ރައީސް ފައިސަލް ނަސީމުގެ މާލީ ބަޔާނުގައި ބުނެފައިވާގޮތުން އެމަނިކުފާނު މަގާމާ ހަވާލުވުމުގެ ހަ މަސް ދުވަސް ކުރިން އާމްދަނީގެ ގޮތުގައި 1,710,000 ރުފިޔާ ލިބިލައްވާފައިވެއެވެ.

މުސާރަ އާއި އެހެނިހެން ގޮތްގޮތުން ލިބިލައްވާފައިވާ އެ ފައިސާގެ އަދަދަކީ ރައީސް ސޯލިހަށްވުރެ 177320 ރުފިޔާ އިތުރު އަދަދެކެވެ. އަދި ފައިސަލްގެ މިލްކިއްޔާތުގައި ވެސް ގިނަ މުދާތަކެއް ހިމެނެއެވެ.

އޭގެ ތެރޭގައި ނައިބް ރައީސްގެ އުފަން ރަށް ޏ. ފުވައްމުލައް ސިޓީގައި އޮންނަ ބިމާއި އިމާރާތަކާއި ހުޅުމާލޭގައި ހުންނަ ވަން އެވެނިއުގެ ދެ ފުލެޓާއި ދެ ކާރުގެ އިތުރުން ހަ މޮޓޯ ސައިކަލް ހިމެނެއެވެ.

މިއްކިއްޔާތުގައި ހުރި މުދަލުގެ ޖުމްލަ އަގަށް އެކަނި ވެސް އަށް މިލިއަން ރުފިޔާ އަރައެވެ. އޭގެ ތެރެއިން އެންމެ އަގުބޮޑު މުދަލަކީ ފުވައްމުލައް ސިޓީގައ އޮންނަ އިމާރާތެވެ. އެ އިމާރާތުގެ އަގު އެކަނި ވެސް އެއީ 10.5 މިލިއަން ރުފިޔާ ކަމަށް މާލީ ބަޔާނުގައި ބުނެފައިވެއެވެ.

haftha.mv 2004 ©