.
18 މާރޗް 2019
މަޤްބޫލު ޙަބަރު

ދައުލަތުގެ އިސްވެރިންގެ މާލީ ބަޔާން ހާމަކުރަން ފެށުމަކީ ރަގަޅުފެށުމެއްކަމަށާއި، ނަމަވެސް މާލީ ބަޔާން ހާމަކުރަންވާނީ ދެފުއް ފެންނަ ގޮތަކަށް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވުސް އިން ބުނެފި އެވެ.

ރާއްޖޭގައި ކޮރަޕްޝަން ހުއްޓުވައި، ދިވެހި މުޖުތަމައުން އޭގެ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މާލީ ބަޔާން ނިމިގެންދިޔަ ހަފްތާގައި ހާމަކުރެއްވުމާއި ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު ވިދާޅުވީ، މާލީ ބަޔާން ހާމަކުރަން ފެށުމަކީ ރަނގަޅު ފެށުމެއް ކަމަށެވެ. ނަމަވެސް ބަޔާން ހާމަކުރުމުން އެކަނި ނުފުދޭ ކަމަށާއި، މާލީ ބަޔާން ހާމަކުރަންވާނީ ދެފުއް ފެންނަ ގޮތަކަށް ކަމަށްވެސް ޓްރާންސްޕެރަންސީ މޯލްޑިވްސްއިން ބުނެފައިވެއެވެ.

ދައުލަތުގެ އިސްވެރިންނާއި ސިޔާސީ ބޭފުޅުންގެ މާލީ ބަޔާން ހާމަކުރުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ، ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މާލީ ބަޔާންތަކުގެ ސައްހަކަން ކަށަވަރުކުރަން ޖެހޭ ކަމަށާއި، އެންޓިކޮރަޕްޝަން ކޮމިޝަނަރ އޮޑިޓަރ ޖެނެރަލް އަދި ދައުލަތުގެ ޓެކްސް އިދާރާތަކަށް ހުށަހަޅައިގެން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް ރަނގަޅު އޮޑިޓެއް ހެދުމަށްފަހު ބަޔާން އާއްމުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރަށް މާލީ ބަޔާން އާއްމުކުރާއިރު އާއިލާގެ ބޭފުޅުންނަށްވެސް ނުހައްގު މުއްސަނދިކަމެއް ލިބިފައި ނެތްކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށްވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކެސީ އެންޑް ކޮމިޔުނިކޭޝަންސް މެނޭޖަރ އައިމަން ރަޝީދު ވިދާޅުވި އެވެ.

އައިމަން އިތުރަށް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލީ ބަޔާން ހާމަކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދައުލަތުގެ ތެރޭގައި ތިއްބެވި އެހެން ބޭފުޅުންނާއި، މަޖިލިސް މެންބަރުނާއި ފަނޑިޔާރުންގެ މާލީ ބަޔާންތައް ހާމަކުރުމަކީވެސް މުހިންމު ކަމެއް ކަަމަށެވެ.

haftha.mv 2004 ©