.
18 މާރޗް 2019
މަޤްބޫލު ޙަބަރު

އިންޑިއަން ކޯސްޓްގާޑުގެ ޝިޕެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ރާއްޖެ އައިސްފައިވަނީ އައިސީޖީއެސް ސަމްރަތް ނަމަކަށް ކިޔާ އުޅަނދެކެވެ. މިއީ އެޑްވޭންސް އޮފް ޝޯ ޕެޓްރޯލް ވެސެލް (އޯޕީވީ) އުޅަނދެކެވެ.

އެމްއެންޑީއެފް އިން ބުނީ، އައިސީޖީއެސް ސަމްރަތް ރާއްޖެއަށް ކުރާ ދަތުރުގައި މާދަމާއިން ފެށިގެން ހަ ދުވަހުގެ މުއްތަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑާ ގުޅިގެން ސަވައިލަންސް ޕެޓްރޯލް ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ޕެޓްރޯލަކީ 2009 ވަނަ އަހަރުން ފެށިގެން، ރާއްޖޭގެ ކަނޑައެޅޭ ވަކި ސަރަހައްދެއްގައި ސިލްސިލާކޮށް ހިންގަމުންދާ ޕެޓްރޯލްތަކުގެ ތެރެއިން ޕެޓްރޯލެއް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

އެގޮތުން މި ސަވައިލަންސް ޕެޓްރޯލްގައި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ކަނޑުމަތީގެ އެއްވެސް ކަމެއް ހިނގާތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ސަވައިލަންސް ޕެޓްރޯލް ކުރުމަށް އިންޑިއާ ކޯސްޓްގާޑުގެ ޝިޕެއް މިއަދު ރާއްޖެ އައިއިރު، އެފަދަ އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ ތެރޭގައި އިންޑިއާގެ މަނަވަރެއް ވެސް ރާއްޖެ އައިސްފައިވެއެވެ.

އިންޑިއަން ނޭވަލް ޝިޕް (އައިއެންއެސް) ރަނާ ނަމަކަށް ކިޔާ އެ މަނަވަރު ރާއްޖެ އައީ މިދިޔަ މަހުގެ އަށް ވަނަ ދުވަހުއެވެ. އަދި ހަފްތާއެއްގެ އޮޕަރޭޝަނެއް ރާއްޖޭގައި ހިންގުމަށްފަހު ވަނީ ފުރައިފައެވެ.

haftha.mv 2004 ©