މުޙައްމަދު އީމާން
05 February 2019
މަޤްބޫލު ޙަބަރު

މިދިޔަ މަހު ދައުލަތުގެ އާމްދަނީއަށް 1.5 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު ނެރޭ މާލީ ރިޕޯޓުން ދައްކާގޮތުގައި މިމަހުގެ ދެވަނަ ދުވަހާ ހަމައަށް ދައުލަތަށް 1.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

އޭގެ ތެރެއިން ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓެކުހުންނެވެ. އެގޮތުން ޓެކުހުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނުއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 4.2 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތަކުން ނަގާ ފީތަކެވެ. އެއާޕޯޓް ޑިވެލޮޕްމަންޓް ފީ، ރަޖިސްޓްރޭޝަން އަދި ލައިސެންސް ފީގެ އިތުރުން ރިސޯޓު ކުއްޔާއި ޖޫރިމަނާއިން ލިބޭ އާމްދަނީތައް ހިމެނެނީ މިބައިގައެވެ.

މީގެ އިތުރުން ވޭތުވެދިޔަ މަހު އާމްދަނީއަށް ވުރެ ހަރަދު ކުޑަވެފައިވާ ކަމަށް ރިޕޯޓްގައި ދައްކައެވެ. މިދިޔަ މަހު ދައުލަތުން 1.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރިކަރެންޓް ހަރަދަށެވެ.

އެގޮތުން ރިކަރަންޓް ހަރަދުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ހޭދަކޮށްފައިވައިރު ސަރުކާރު މުވައްޒަފުންގެ މުސާރައާއި ޕެންޝަން ހިމެނޭގޮތަށް 767.7 މިލިއަން ވަނީ ހޭދަކޮށްފައެވެ.

އަދި ސަރުކާރުގެ ދަތުރުތަކަށް 11  މިލިއަން ރުފިޔާ ހަރަދުކުރިއިރު، މަރާމާތު ކުރުމަށާއި މެއިންޓަނެންސްއަށް 26.5 މިލިއަން ހަރަދުކޮށްފައިވެއެވެ.

ރިޕޯޓްގައި ބުނާގޮތުން މިދިޔަ މަހު ސަރުކާރުން ހިންގި ތަރައްގީގެ މަޝްރޫއުތަކަށާއި ޕްރޮޖެކްޓުތަކުގެ އިތުރުން އެހެނިހެން ކަންކަމަށް 112.3 މިލިއަން ހޭދަކޮށްފައިވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ ފަރުނީޗަރާއި މެނިޝަނަރީ އަދި އެހެނިހެން އާލާތްތައް ގަތުމަށް ހޭދަކުރި، 23.3 މިލިއަން ރުފިޔާއަކާއި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ހޭދަކުރި 10.3 މިލިއަން ރުފިޔާއެކެވެ. އަދި ބޮޑެތި މަޝްރޫއުތަކަށް 48.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

މީގެ އިތުރުން ލޯނު ރިޕޭމަންޓުގެ ގޮތުގައި އެއް މަސް ދުވަހުގެ ތެރޭގައި 108.3 މިލިއަން ރުފިޔާ ދައްކާފައިވާއިރު، މިއަހަރު ޖުމްލަ 2.8 ބިލިއަން ރުފިޔާ ދައުލަތުން ލޯނަށް ދައްކަންޖެހެއެވެ.

މިއަހަރުގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި 27.3 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި މިއަހަރަށް ލަފާކޮށްފައިވާ ބަޖެޓަކީ 30.2 ބިލިއަން ރުފިޔާއެވެ. އެއީ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 1.35 ބިލިއަން ރުފިޔާ ވެސް ހިމަނައިގެންނެވެ.

haftha.mv ©