.
10 February 2019
މަޤްބޫލު ޙަބަރު

ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އިން ނިންމައިފި އެވެ.

އެސްޓީއޯ އިން ވިއްކާ ކާޑުގެ ބާވަތްތައް އެއް އަގެއްގައި ވިއްކުމަށް ނިންމާ އެކަން އިއުލާންކުރީ އެކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެސްޓީއޯ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަމްރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށްޓަކައި މަޖޫރީ ފީ އާއި ނާލުގެ އަގަށް ޖެހޭ ވަރު އެސްޓީއޯއިން ދޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށްޓަކައި ކޮންމެ ރަށަކަށް އެސްޓީއޯގެ އެޖެންޓެއް ކަނޑައެޅުމަށްޓަކައި އެޖެންޓަކަށް ވުމަށް ހުޅުވާލާނެ ކަމަށެވެ.

އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުން މަޖޫރީ ފީއާއި ނާލަށް ދައްކަންޖެހޭ އަގުތައް އެނގިގެންދާނެ ކަމަށްވެސް އަމްރު ވިދާޅުވި އެވެ. އެޖެންޓުންނަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން ރަށްރަށުގައި ހުރި އެސްޓީއޯގެ ފާމަސީތަކުން ފޯމް ލިބޭނެ ކަަމަށްވެސް ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށްޓަކައި މަޖޫރީ ފީއާއި ނާލަށް ދައްކަންޖެހޭ އަގުތަކުގެ އަންދާޒާ ކުރެވޭ އަގެއް މިހާރު ވެސް ލިބިފައިވާ ކަން ފާހަގަކުރައްވަމުން އަމްރު ވިދާޅުވީ އިތުރަށް ހިނގާ ޚަރަދު ހަމަޖައްސާނީ އެސްޓީއޯ އިން ބަޖެޓަށް އިތުރު ފައިސާ ހިމަނައިގެން ނޫން ކަމަށެވެ. އެކަން ކުރާނީ އެސްޓީއޯގެ ހިންގުމުގެ ޚަރަދުތަކަށް ބަދަލު ގެނެސްގެން ލިބޭ ފައިސާ އިން ކަމަށެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކުމަށް އެސްޓީއޯއިން މިއަދު އިއުލާން ކޮށްފައިވާ ނިމިގެންދިޔަ ހަފްތާގެ  ބުރާސްފަތި ދުވަހު  ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައިވެސް ކާޑުގެ ބާވަތްތަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް ހަމައެއްގައި  ވިއްކޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް އިއުލާންކުރައްވާފައެވެ. އަދި މިކަމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި އެއް އަގެއްގައި ކާޑުގެ ބާވަތްތައް ވިއްކަން ްއެސްޓީއޯ ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

haftha.mv ©