މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރުތަކާއެކު ރާއްޖޭގައި ތިބި އެގައުމުގެ ސިފައިން ރާއްޖެއިން ބޭރު ކުރަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައިގެން ކުރިއަށް ގެންދާ ހަރަކާތެއްގައި ބައިވެރިވާން ހުޅުވާލައިފިއެވެ.

އުމަރު ނަސީރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމް ވެގެން ތިބުމަކީ ރާއްޖޭގެ މިނިވަން ކަން ގެއްލިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ދިވެހިން ތެދުވަންޖެހޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެގޮތުން އިންޑިއާ ސިފައިން ބޭރުކުރަން “އިންޑިއާ ސިފައިން ފައިބާ”ގެ ނަމުގައި ހަރަކާތެއް އިއުލާންކޮށް، އެ ހަރަކާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ ފޯމެއް އުމަރު މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފައެވެ.

އެ ފޯމުގައި އޭނާގެ ހަރަކާތަށް ތާއީދުކުރާ ފަރާތްތަކާއި، އެ ހަރަކާތް އިންތިޒާމްކޮށް ހިންގުމުގައި ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުންގެ އިތުރުން އެ ހަރަކާތަށް ފައިސާ އާއި ތަކެތީގެ އެހީ ދޭން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު ވެސް ދުއްވަނީ ދިއްލީ އިން އަންނަ އޯޑަރުތަކެއްގެ މައްޗަށް ކަމަށް ބުނެ އުމަރު ވަނީ އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ނުބޭތިއްބޭނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އެކަމަށް ރައްދު ދެއްވާ އެމްއެންޑީއެފުން ވަނީ، ހެލިކޮޕްޓަރުތައް ދުއްވަނީ އިންޑިއާ ސިފައިން ނަމަެސް ކޮމާންޑު ދޭނީ ދިވެހި ސިފައިން ކަމަށް ބުނެފައެވެ.

haftha.mv ©