މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

މާލޭ ވިޔަފާރި ބަނދަރު، ސިނާއީ ރަށް ތިލަފުއްޓަށް ބަދަލު ކުރުމުގެ ގޮތުން އެރަށުގައި ހަދަން ނިންމާފައިވާ ބައިނަލްއަގްވާމީ ބަނދަރުގެ މާސްޓާ ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތެއް ހޯދަން ސަރުކާރުން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮަށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ތިލަފުށީގައި ބައިނަލްއަގްވާމީ ވިޔަފާރި ބަނދަރެއް ތަރައްގީ ކުރުމަށްޓަކާ މާސްޓާ ޕްލޭނެއް ހެދުމާއި ވޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑާ ޑޮކިއުމަންޓް ތައްޔާރުކޮށްދޭނެ ކޮންސަލްޓަންސީ ފާމެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން، ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތުގެ ޑިޒައިނާއި ކޮންސެލްޓެންސީ ދިނުމަށް ހަމައެކަނި ކުރިމަތިލެވޭނީ ބައިނަލްއަގްވާމީ ފަރާތްތަކަށް އެކަންޏެވެ.

އަދި އެކަމަށް ޝައުގުވެރިވާ ބައިނަލްއަގްވާމީ ފާމުތަކުން ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް)އާއި އެއްގޮތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް، މިމަހުގެ 28 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

މާލޭގައި މިހާރު ބޭނުންކުރާ މައި ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ތިލަފުއްޓަށް އެ ޕޯޓް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.

އަދި މިދައުރަށް ރައްޔިތުން މަޖިލިސް ހުޅުއްވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ގުދަން ކުރުމާއި ލޮޖިސްޓިކް ހިމެނޭ ގޮތަށް، ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އިރާދުކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި ބަނދަރު ހެދުމުން މާލޭގައި ހުރި ސިނާއީ މަސައްކަތްކުރާ ގިނަ ތަންތަން މާލެއިން ބޭރުވެ، މާލޭގެ ތޮންޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.

haftha.mv ©