މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

ކިއުގައި ނުޖެހި އިޖްތިމާއީ ބޯހިޔާވަހިކަމަށް އެދެވޭނެ ފަސޭހަ ނިޒާމެއް ހައުސިން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ އާއި ގުޅިން ހައުސިން މިނިސްޓްރީން ތައާރަފްކުރި ފުލެޓް ސްކީމްތަކަށް ހުށަހެޅޭނެ އޮންލައިން ޕޯޓަލް އިފްތިތާހް ކޮށްދެއްވާފައިވަނީ ހައުސިން މިނިސްޓަރު އާމިނަތު އާތިފާއެވެ.

“މަގޭ ހިޔާވެހި”ގެ ނަމުގައި ތައާރަފްކުރި އެ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ކޮންމެ ދިވެހި ރައްޔިތަކަށް ވެސް ބޭނުން ވަގުތަކު ބޭނުން ތަނެއްގައި ހުރެގެން އޮންލައިންކޮށް އެއިރެއްގައި ހިންގާ ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ފޯމް ހުށަހެޅޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ވިދާޅުވި ގޮތުގައި، ޕޯޓަލް އިފްތިތާހް ކުރުމާއެކު މިއަދުން ފެށިގެން ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެ ޕޯޓަލްގައި ރަޖިސްޓްރީ ކުރެވޭނެއެވެ.

ޕޯޓަލްއަކީ: vehi.egov.mv އެވެ.

ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމް ހުށަހެޅުމުގެ އިތުރުން ފޯމު ހުށަހެޅި ބޯހިޔާވަހިކަމުގެ ސްކީމުން ލިބޭ މާކުހާއި އެމީހާގެ ހުރި ތަރުތީބު ނަންބަރު ވެސް ފަސޭހަކަމާއެކު ފެންނަން ހުންނާނެއެވެ.

ކިއުގައި ނުޖެހި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ފޯމް ހުށަހެޅޭނެ ގޮތް ސަރުކާރުން ހެދިއިރު، މީގެ ކުރިން ފުލެޓަށް ކުރިމަތިލާން ހުޅުވާލާ ކޮންމެ ފަހަރަކު ހައުސިން މިނިސްޓްރީ ކައިރީގައި ދިގު ކިއުތައް ހަދައި އެތައް ގަޑިއިރުތަކެއް ވަންދެން ތިބެންޖެހެއެވެ.

haftha.mv ©