މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

އެވިޑް ކޮލެޖުގެ ގދ. ތިނަދޫގައި ކެމްޕަހުގައި ކިޔަވާ 22 ދަރިވަރަކަށް އެވިޑް ކޮލެޖުގެ ޗެއާމަންގެ ބައްޕާފުޅުގެ ހަނދާނުގައި ދޭ “ނައިބު ރަޝާދު ސްކޮލާޝިޕް” ދީފިއެވެ.

”ނައިބް ރަޝާދު ސްކޮލާޝިޕް“އަކީ ފައުންޑޭޝަން ހަދާ ދަރިވަރުންނަށް ދޭން އެވިޑް ކޮލެޖުން ތައާރަފްކުރި ހާއްސަ ސްކޮލަޝިޕެކެވެ. އަދި އެއީ އެކަމަށް އެދި އެންމެ ފުރަތަމަ ކުރިމަތިލާ ދަރިވަރުންގެ ތަރުތީބުން ދޭ ސްކޮލަޝިޕެކެވެ.

އެގޮތުން މިފަހަރު އެ ސްކޮލަޝިޕް ދީފައިވަނީ، އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް 4 އާއި ފައުންޑޭޝަން ކޯސް ކިޔެވުމަށް ބޭނުންވި 22 ދަރިވަރަކަށެވެ.

އެވިޑް ކޮލެޖުގެ ތިނަދޫ ކެމްޕަހުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދެވެ.

”ނައިބް ރަޝާދު ސްކޮލާޝިޕް“ގެ ނަމުގައި މިދިޔަ އަހަރު އެވިޑް ކޮލެޖުން ތައާރަފްކުރި ސްކޮލާޝިޕްތަކަކީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގްގެ ބައްޕާފުޅު އަލްމަރްހޫމް މުހައްމަދު ރަޝާދު، ހުވަދު އަތޮޅަށް ކޮސްދެއްވި ހިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން، މުސްތާގުގެ މަންމަ ފާތިމަތު ނާސިރާ ހުޅުވާލަދެއްވި ފުރުސަތުތަކެކެވެ.

މުސްތާގުގެ ބައްޕާފުޅު ގދ.ތިނަދޫ، ޗާންދު، މުހައްމަދު ރަޝާދު އަކީ ތައުލީމަށް ވަރަށް ލޯބިކުރެއްވި، މުޅި ހުވަދު އަތޮޅުގެ ނައިބުކަން ކުރެއްވި އިލްމީ ބޭފުޅެކެވެ.

އެގޮތުން އިންޑިއާއިން ކިޔަވާ ވިދާޅުވެގެން ރަޝާދު ވަނީ ތިނަދޫ ޒުވާނުންނަށް ތައުލީމް އުނގަންނަވައިދެއްވުމުގެ ގޮތުން ތިނަދޫ އަތޮޅު މަދަރުސާގެ މަތީ ކުލާސްތަކުގެ ދަރިވަރުންނަށް އިސްލާމާއި އުރުދޫ ބަސް ކިޔަވައިދެއްވައިފައެވެ.

އަދި ތިނަދޫއިން މީހުން ބޭލުމަށްފަހު، ގއ. ވިލިނގިއްޔަށް ދިރިއުޅުން ބަދަލުކޮށް އެރަށު ސްކޫލުގެ ދަރިވަރުންނަށް އިސްލާމާއި އަރަބި ކިޔަވައިދެއްވިއިރު، ތިނަދޫގައި މީހުން އާބާދުވި ހިސާބުން އެރަށަށް ވަޑައިގެން އަލުން ރަށަށް ހިދުމަތްކޮށްދެއްވުމުގައި ދެމިހުންނެވިއެވެ.

haftha.mv ©