މުޙައްމަދު އީމާން
11 February 2019
މަޤްބޫލު ޙަބަރު

ރައްޔިތުންނަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި “ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް” ގެ ނަމުގައި ކޯޕަރޭޝަނެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ސައްތައިންސައްތަ ސަރުކާރު ހިއްސާވާ އެ ކޯޕަރޭޝަނެއް އުފެއްދެވުމަށް ރައީސް ނިންމެވީ އިކޮނޮމިކް ކައުންސިލުގެ ލަފާފުޅާއެކުއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ، އަތްފޯރާފަށުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އިސްނަގައިގެން، ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ހިންގާ މަސައްކަތްތައް ކުރިއަށްގެންދާނީ އެ ކޯޕަރޭޝަންގެ ދަށުން ކަމަށެވެ.

އަދި ކުރިމަގުގައި ސަރުކާރުން ކުރިއަށްގެންދާ އެފަދަ މަޝްރޫއުތައް ވެސް ހިންގާނީ އެ ކޯޕަރޭޝަންގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދާނީ މިހާރު ސަރުކާރުން މަސައްކަތް ފައްޓާފައިވާ ހައުސިން ނީޑްސް އެސެސްމަންޓަށް ރިއާޔަތް ކުރެވިގެންނެވެ.

އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭއިރު، ފަހި ދިރިއުޅުމެއް އުޅޭވޭނެފަދަ މާހައުލެއް ގާއިމްކުރުމަށް ބޭނުންވާނެ ވަސީލަތްތައް ވެސް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް އޮފީހުން ބުނެފައެވެ.

haftha.mv ©