މުޙައްމަދު އީމާން
12 February 2019
މަޤްބޫލު ޙަބަރު

އެމްއާރުއެމްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތު އިސްނުކޮށް ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްދެއްވާނެ ބޭފުޅުންނަށް ވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ.

ރައީސް މައުމޫން އެހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމަނިކުފާނުގެ ތާއީދާއެކު ވާދަކުރައްވާ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް މިރޭ ޝީ ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެބޭފުޅުންނާ ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ބޮޑެތި މަހުޖަނުންނަށްވާން މަޖިލިސް ތެރެއިން މަސައްކަތްކުރުމަކީ އެމްއާރުއެމް އިން މަޖިލީހަށް ހޮވޭ އެއްވެސް ބޭފުޅަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

“އެއްވެސް ބޭފުޅަކު އަމިއްލަ ޖީބު މުއްސަނދި ކުރުމަށް މަސައްކަތްކޮށް އަމިއްލަ ބޮޑެތި ކުންފުނިތައް ހަދާ ބޮޑެތި މަހުޖަނުންނަށްވާން މަޖިލިސް ތެރެއިން މަސައްކަތްކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،” ކެންޑިޑޭޓުންނަށް ނަސޭހަތް ދެއްވާ ރައީސް މައުމޫން ވިދާޅުވިއެވެ.

އަދި އެމްއާރުއެމްގެ ފަރާތުން މަޖިލީހަށް އިންތިހާބުވެވަޑައިގަންނަވާ ބޭފުޅުން ބަރާބަރަށް މަޖިލީހަށް ވަޑައިގެންނެވުމަށް އިލްތިމާސް ކުރައްވާ އެމަނިކުފާނު ވަނީ، އެ މެންބަރުންނަކީ އިހްލާސްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރި ނަމޫނާ ބަޔަކަށް ވުމަށް އެދިވަޑައިގެންފައެވެ.

އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ރައީސް މައުމޫންގެ ތާއީދާއެކު މަޖިލީުގެ 24 ދާއިރާއަކަށް ބޭފުޅުން ވާދަކުރައްވާނެއެވެ.

ވާދަކުރައްވާ ދާއިރާތަކުގެ ތެރޭގައި ރައީސް މައުމޫންގެ ދަރިކަނލުން ގައްސާން މައުމޫން ވާދަކުރައްވާ ތ. ގުރައިދޫ ދާއިރާއަށް ވެސް ކެންޑިޑޭޓަކު ނެރުއްވައެވެ.

އަދި މަޖިލީހަށް ކެންޑިޑޭޓުން ނުނެރޭނެ 11 ދާއިރާއެއް ވެސް އެމަނިކުފާނު ކަނޑައަޅުއްވާފައިވާއިރު، އެ ދާއިރާތަކުގެ ތެރޭގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާ މަންޗަންގޯޅި މެދު ދާއިރާ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވާ މާމިނގިލި ދާއިރާ ހިމެނެއެވެ.

އޭގެ އިތުރުން ނެރުއްވާއިރު އަދާލަތު ޕާޓީއިން މިހާރު މަޖިލީހުގައި ތަމްސީލް ކުރާ ހަމައެކަނި ދާއިރާ މަކުނުދޫ ދާއިރާ އާއި ހުޅުމާލެ ދާއިރާ، ދިއްދޫ ދާއިރާ، ހަނިމާދޫ ދާއިރާ، މަޑުއްވަރީ ދާއިރާ، ތިމަރަފުށި ދާއިރާ، ވިލިނގިލި ދާއިރާ، ތިނަދޫ ދެކުނު ދާއިރާ އަދި ފުވައްމުލަކު އުތުރު ދާއިރާ ހިމެނެ އެވެ.

haftha.mv ©