މުޙައްމަދު އީމާން
13 February 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިއާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފިއެވެ.

މ. އެންދެރިމާގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްއާރުއެމްގެ މަޖިލިސް އިންތިހާބުގެ ތަރުޖަމާން ތަޒްމީލް އަބްދުލް ސަމަދު ވިދާޅުވީ، ރައީސް މައުމޫން މިރޭ މެލޭޝިއާއަށް ވަޑައިގަންނަވަނީ އެގައުމުގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދުގެ ދައުވަތަކަށް ކަމަށެވެ.

އަދި އެމަނިކުފާނުގެ އަރިހުގައި އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ދަތުރުގެ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މައުމޫން މެލޭޝިއާއަށް ވަޑައިގަންނަވަނީ ކޮންކަހަލަ ދައުވަތަކަށް ކަމެއް އަދި ކިހާ ދުވަހަކަށް ކަމެއް އަދި ނޭނގެއެވެ.

ތަޒްލީމް އިތުރަށް ވިދާޅުވީ، އެމްއާރުއެމްގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފަށާނީ ރައީސް މައުމޫން އެނބުރި މާލެ ވަޑައިގެންނެވުމުން ކަމަށެވެ.

ރައީސް މައުމޫން މިރޭ މެލޭޝިއާއަށް ފުރާވަޑައިގަންނަވާއިރު، މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭސްފަރުވާއަކަށް ވެސް އެމަނިކުފާނު ވަނީ އެގައުމަށް ވަޑައިގަންނަވާފައެވެ.

އަނބިކަނބަލުން ނަސްރީނާ އިބްރާހިމްއާއެކު އެފަހަރު ރައީސް މައުމޫން މެލޭޝިއާއަށް ވަޑައިގެން އެގައުމުގައި ގާތްގަނޑަކަށް ތިން ހަފްތާ ހޭދަކުރެއްވިއެވެ.

haftha.mv ©