މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

ދިވެހި ވިޔަފާރިވެރިންނާއި ސައުދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ސައުދީގައި ބޭއްވުމާ ގުޅޭގޮތުން ރާއްޖެ އާއި ސައުދީ އަރަބިއްޔާއާދެމެދު މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުުގުޅުގައި އެގައުމުގެ ކޮމާސް އެންޑް އިންވެސްޓްމަންޓް މިނިސްޓަރު ޑރ. މާޖިދް ބިން އަބްދުﷲ އަލް ގަސަބީއާ ބައްދަލުކުރައްވައެވެ.

ސައުދީގެ ކޮމާސް މިނިސްޓްރީގައި އިއްޔެ ކުރިއަށްދިޔަ އެ ބައްދަލުވުމުގައި ޑރ. މާޖިދު ވަނީ، ސައުދީ އަރަބިއްޔާއާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ދާއިރާއިން އެއްބާރުލުންދީ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކޮށްފައެވެ.

އެގޮތުން ދިވެހި ވިޔަފާރިވެރިންނާއި ސައުދީ ވިޔަފާރިވެރިންގެ މަހާސިންތާއެއް ރިޔާދުގައި ބޭއްވުމާ ގުޅޭގޮތުން ދެ މިނިސްޓަރުން މަޝްވަރާކުރެއްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެއެވެ.

އަދި މިނިސްޓަރު ޝާހިދުގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ސައުދީން ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ.

މިމަހުގެ 12 އިން 15 އަށް ފޮރިން މިނިސްޓަރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއ2ްޔެ ވަނީ، ސައުދީގެ ޖެނެރަލް ސެކްރެޓޭރިއެޓް އޮފް ދަ ކައުންސިލް އޮފް މިނިސްޓާޒްގެ އެޑްވައިޒަރު އަދި ސައުދީ ފަންޑު ފޮ ޑިވެލޮޕްމަންޓް (އެސްއެފްޑީ)ގެ ޗެއާމަން ހިޒް އެކްސަލަންސީ އަހުމަދު ބިން އަގީލް އަލް ހަތީބްއާ ވެސް ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ، ދިވެހި ސަރުކާރުން ހިންގަމުންގެންދާ އަދި ހިންގުމަށް މަޝްވަރާ ކުރަމުންދާ ތަރައްގީެ މުހިންމު މަޝްރޫއުތަކުގެ މައުމޫލާތު ޗެއާމަން އަލް ހަތީބްއާ އެސްއެފްޑީގެ އިސް ބޭފުޅުންނާ ހިއްސާ ކުރައްވައިފައެވެ.

އަދި ޗެއާމަން އަލް ހަތީބް ދެއްކެވި ވާހަކަފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިގްތިސާދީ އެޖެންޑާއަށް ސައުދީ ފަންޑުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީން ވަނީ އަރުވައިފައެވެ.

haftha.mv ©