މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި ޑޮލަރު އެކައުންޓެއް ހުޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އެ އެކައުންޓަށް ޖަމާވުމުގެ ހަ ދުވަސް ކުރީންކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަފްސީލީ ރިޕޯޓުގައި ބުނެފައިވާގޮތުން، އެމްއައިބީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ދެ ފަހަރެއްގެ މަތީންނެވެ.

އެގޮތުން ފުރަތަމަ ފަސް ލައްކަ އެމެރިކާ ޑޮލަރު ޖަމާކޮށްފައިވަނީ 13 އޮކްޓޯބަރު 2015 ގައެވެ. އަދި އިތުރު ފަސް ލައްކަ ޑޮލަރު ޖަމާކުރީ އޭގެ ދެ ދުވަސް ފަހުން، 15 އޮކްޓޯބަރު 2015 ގައި ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭސީސީގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ އެމްއައިބީއަށް ފައިސާ ލިބުނުކަމަށް ބުނާ ބޭންކް ސްޓޭޓްމަންޓްގައި ސްޓޭޓްމަންޓް ނަގާފައިވަނީ 11 އޮގަސްޓް 2013 އިން 17 ފެބްރުއަރީ 2016 އަށް ކަމަށް ބުނެފައިވާ ކަމަށެވެ.

އަދި އެ ސްޓޭޓްމަންޓަކީ އެ މުއްދަތުގައި ނަގާފައިވާ ސްޓޭޓްމަންޓެއް ނަމަ ރައީސް ޔާމީންގެ ނަމުގައި އެމްއައިބީގައި އެކައުންޓް ހުޅުވާފައިވަނީ އެސްއޯއެގްގެ ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ އެކައުންޓް ހުޅުވުމަށް 7 އޮކްޓޯބަރު 2015 ގައި ޖަމާކޮށްފައިވާ 250 ޑޮލަރު ފިޔަވާ އެ އެކައުންޓަށް ދެން ޖަމާކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ އެއް މިލިއަން ޑޮލަރު އެކަނި ކަމަށް ވެސް އޭސީސީގެ ރިޕޯޓްގައި ބުނެފައިވެއެވެ.

އޭސީސީގެ ތަހުގީގީ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ، އެމްއައިބީގައި ހުޅުވާފައިވާ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ތާރީހަށް ބަލާއިރު، އެ ފައިސާ ޖަމާކޮށްފައިވަނީ އެމަނިކުފާނު ދަތުރުކުރެއްވި ރިޔާސީ ލޯންޗުގައި ބޮންގޮއްވި ތާރީހް ކަމަށްވާ 29 ސެޕްޓެމްބަރު 2015 ގެ ފަހުންކަން ފާހަގަވާ ކަމަށެވެ.

haftha.mv ©