މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

އެމްއެމްޕީއާރުސީއަށް ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޝޯތައް ބޭއްވުމަށާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ހަރަދު ކޮށްފައިވާ ކަމަށް ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އާންމުކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތަފްސީލީ ރިޕޯޓުގައި ބުނެފައިވާގޮތުން، އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ އެކައުންޓުތަކަށް ޖަމާކުރުމަށްފަހު އެފައިސާގެ ތެރެއިން ބައެއް ފައިސާ ސަރުކާރުގެ ފަރާތުން ބޭއްވި އެކި ޝޯތައް ބޭއްވުމަށް ހަރަދުކޮށްފައިވެއެވެ.

އެގޮތުން 2015 ވަނަ އަހަރު ފެށުމުގެ ގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ގެނެސްގެން ގަލޮޅު ދަނޑުގައި ބޭއްވި ޝޯގެ ކަންތައްތަކަށް އޮގަނައިޒް ކުރުމަށް 80,488.30 އެމެރިކާ ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ދޫކޮށްފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ކުންފުނީގެ ފަރާތެއް ކަމުގައިވާ ޗެތިކާ ކަރުނަރެތްނެގެ އެކައުންޓަށް 130,867.30 ޑޮލަރު އެސްއޯއެފްއިން ޖަމާކޮށްފައިވެއެވެ.

މީގެ އިތުރުން 9 ޑިސެމްބަރު 2014 ގައި ޝޯން ޕައުލް ރޭއްޖެ ގެނައުމަށް ދަތުރު ހަރަދުގެ ގޮތުގައި ބޭންކް އޮފް ސިލޯންގައިވާ އެސްއޯއެފްގެ އެމެރިކާ ޑޮލަރު އެކައުންޓުން ޒެލް ޓްރެވަލް އެލްއެލްސީ އަށް 130,064.79 އެމެރިކާ ޑޮލަރު ފޮނުވާފައިވާ ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައިވެއެވެ.

ޝޯން ޕައުލް ގެނައުމަށް ކުރި އެ ހަރަދުގެ އިތުރުން، އޭނާ ގެނައުމަށް ޖަމައިކާގެ ކުންފުންޏަކަށް 22 ޑިސެމްބަރު 2014 ގައި 89,114.22 އެމެރިކާ ޑޮލަރު ވެސް ޖަމާކޮށްފައިވެއެވެ.

ޝޯން ޕައުލް ޝޯ ދިނުމަށް ރާއްޖެ ގެނައުމަށް މި ހަރަދުތައް ކުރިނަމަވެސް، އޭނާ ރާއްޖެ އަތުވެއްޖެނަމަ މަރާލާނެ ކަމުގެ އިންޒާރު އޭރު ދިނުމުން ދަތުރު ކުއްލި ގޮތަކަށް ކެންސަލް ކުރުމަށްފަހު ރާއްޖެ ނާންނަން ނިންމިއެވެ.

މީގެ އިތުރުން އެސްއޯއެފް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ފަންސާސް ހާއްސަ އެމެރިކާ ޑޮލަރު 5 އޮކްޓޯބަރު 2015 ގައި އިންޑިއާގެ މިއުޒިކް ފަންނާނުންނަށް ހާއްސަކޮށް ހިންގާ ޓެލެންޓް މެނޭޖްމަންޓް ކުންފުންޏަކަށް ޖަމާކޮށްފައިވާކަމަށް އޭސީސީގެ ތަހުގީގީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އެ ފައިސާއަކީ 2015 ވަނަ އަހަރު އޮގަސްޓް މަހުގެ ތެރޭގައި އިންޑިއާގެ މަޝްހޫރު ސަނަމް ޕޫރީ އައްޑޫ ސިޓީގައި ޝޯއާ ގުޅިގެން ދައްކާފައިވާ ފައިސާކަމަށް ވެސް ބުނެފައިވެއެވެ.

މުނިފޫހިފިލުވުމަށް ރައީސް ޔާމީންގެ ސަރުކާރުގައި ކުރި މި ހަރަދުތައް އެއްކޮށްލާއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން 1،046،028.39 އެމެރިކާ ޑޮލަރު ހޭދަކޮށްފައިވެއެވެ.

haftha.mv ©