މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އިން ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު (ރީކޯ މޫސަ) އަށާއި ތ. ގުރައިދޫ ދާއިރާގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކަށް ފައިސާ ޖަމާކޮށްފައިވާކަން ހާމަވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގަށްފަހު އެކުލަވާލި ތަފްސީލީ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކުގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ނަންތަކާއި އެ މެމްބަރުންނަށް ޖަމާވެފައިވާ އަދަދުގެ އިތުރުން ބައެއް މެންބަރުންގެ ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ.

ނަމަވެސް އެ ލިސްޓުގައި ނަގުދު ފައިސާ ލިބިވަޑައިގަތް ކަމަށް ތުހުމަތުކުރެވޭ މެންބަރުންގެ ނަމެއް ނެތެވެ.

އެސްއޯއެފްގެ ފައިސާ ލިބުނު ބައެއް މެންބަރުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކަށް އެއް ލައްކަ ޑޮލަރު (1،542،000 ރުފިޔާ) ޖަމާކޮށްފައިވާކަން ހާމަވެފައިވާއިރު، ގުރައިދޫ ދާއިރާގެ މިހާރު ޖުމްހޫރީ ޕާޓީގެ މެންބަރު ހުސެއިން މަނިކު ދޮންމަނިކަށް 25000 ޑޮލަރު ( 3,855,000ރުފިޔާ) ޖަމާކޮށްފައިވާކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން ހުސެއިން މަނިކަށް އެ ފައިސާ ދޫކުރީ ބޮޑުފަރު ބީޗްރިސޯޓުން ކުއްޔަށް ހިފާފައިވާ އދ. ބޮޑުފަހަރު ފިނޮޅުގެ އެކުއިޒިޝަން ކޯސްޓުގެ ގޮތުގައި އެމްއެމްޕީއާރުސީ އަށް ދެއްކި 1500000 ޑޮލަރުގެ ތެރެއިންނެވެ.

haftha.mv ©