މުޙައްމަދު އީމާން
14 February 2019
މަޤްބޫލު ޙަބަރު

އެސްއޯއެފް އިން މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް ލިބެންޖެހޭ ޕޭމަންޓެއްގެ ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާނެ ކަމަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ފައިސާގެ ތަހުގީގީ ރިޕޯޓުގައި ރިޔާޒު ރަޝީދުގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން 424.225 ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އަދި ރިޔާޒު ރަޝީދު ޗެއާމަން ކަން ކުރައްވާ މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑަށް 455,000 ޑޮލަރު ލިބިފައިވާ ކަމަށް އެ ރިޕޯޓުން ދައްކައެވެ.

ނަމަވެސް އެ މައްސަލައާ ގުޅިގެން ރިޔާޒު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން މެރީޑިއަމް ސާވިސަސްއަށް ލިބެންޖެހޭ ޕޭމަންޓެއް، މެރީޑިއަމްއަށް ލިބިދިނުމުގެ ގޮތުން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާނެ ކަމަށެވެ.

އަދި އެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކުރަން ޖެހުނީ އެވަގުތު މެރީޑިއަމްގެ އެކައުންޓް ފްރީޒްކޮށްފައިވާތީ ކަމަށާއި ފަހުން އެ ފައިސާ މެރީޑިއަމްގެ އެހެން ބޭންކެއްގެ އެކައުންޓަކަށް ޗެކަކުން ޖަމާކޮށްފައިވާނެ ކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.

“މިވާހަކަތަކަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް ވެސް އަޅުގަނޑު ކިޔައިދީފައިވާ ވާހަކަތަކެއްކަމުގައިވާތީ އާއި މި މުއާމަލާތްތައް މިގޮތުގައި ހިނގާފައިވާކަން އެނގެން އޮތްއިރު، އެސްއޯއެފުން އެސްވެސް ގާނޫނީ ސަބަބެއްނެތި އަޅުގަނޑުގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައިވާކަމަށް ދައްކުވައި މައުލޫމާތު ފެތުރުމަކީ ކަމުގެ ހަގީގަތް އޮޅުވާލުމުގެ ގޮތުން ކުރެވޭ ކަމެއްކަން ފާހަގަކުރަމެވެ،” ރިޔާޒުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، އޭނާ އަދި އޭނާއަށް ނިސްބަތް ކުރެވޭ އެއްވެސް ބަޔަކަށް ނުވަތަ ކުންފުންޏަކަށް ވިޔަސް އެސްއޯއެފުން ލިބުނު ހައްގު ނޫން ފައިސާއެއް ނުހުންނާނެ ކަމަށާއި ގާނޫނާއި ހިލާފު އެއްވެސް އަމަލެއްގައި ބައިވެރިވެފައިނުވާނެ ކަމަށެވެ.

އޭސީސީ އިން ކުރި ތަހުގީގަށްފަހު އެކުލަވާލި ތަފްސީލީ ރިޕޯޓުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.3 ބިލިއަން ރުފިޔާ ދީފައިވާ މީހުންނާއި ކުންފުނިތަކުގެ އެކައުންޓްތަކުގެ ތަފްސީލު ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި އެސްއޯއެފްގެ އެކައުންޓުން ފައިސާ ޖަމާކޮށްފައިވާ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ނަންތަކާއި އެ މެމްބަރުންނަށް ޖަމާވެފައިވާ އަދަދުގެ އިތުރުން ބައެއް މެންބަރުންގެ ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތައް ހިމެނެއެވެ.

ނަމަވެސް އެ ލިސްޓުގައި ނަގުދު ފައިސާ ލިބިވަޑައިގަތް ކަމަށް ތުހުމަތުކުރެވޭ މެންބަރުންގެ ނަމެއް ނެތެވެ.

haftha.mv ©