މުޙައްމަދު އީމާން
25 February 2019
މަޤްބޫލު ޙަބަރު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތްކުރައްވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އަށް މެންބަރުން ސޮއިކުރުމަށް ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެމްއާރުއެމުން ބުނީ، “ރައީސް މައުމޫންއާއެކު އެމްއާރުއެމް އަށް” ގެ ނަމުގައި ބާއްވާ ޕާޓީއަށް ފޯމް ފުރުމުގެ ހަރަކާތް އޮންނާނީ މިރޭ 8:45 އިން 10:00 އަށް މ. އެންދެރިމާގޭގައި ކަމަށެވެ.

އެމްއާރުއެމްއަށް ތާއީދުކުރާ ގިނަ ފަރާތްތަކެއްގެ އެދުމުގެ މަތިން ބާއްވާ އެ ހަރަކާތުގައި ރައީސް މައުމޫން ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެސް އެމްއާރުއެމުން ބުނެއެވެ.

ރައީސް މައުމޫން ހިންގަވަމުން ގެންދެވި އިސްލާހީ ހަރަކާތް، މައުމޫން ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ޕާޓީއަކަށް ބަދަލުކުރައްވަން ރައީސް މައުމޫން ނިންމެވީ، ޕީޕީއެމްގެ ކޮންގްރެސް ސައްހަ ނޫން ކަމަށް ބުނެ ހުށަހެޅި މައްސަލާގައި ސުޕްރީމް ކޯޓުން އެ ކޮންގްރެސް ސައްހަ ކަމަށް ހުކުމް ކޮށްފައިވުމާއި ޕީޕީއެމްގެ މިލްކުވެރިކަަމާ ބެހޭ މައްސަލަަ ވެސް ސުޕްރީމް އެ ކޯޓުން ބާތިލްކުރުމުންނެވެ.

އެއާއެކު އެޕާޓީ އުފެއްދުމުގެ ހުށަހަޅައިގެން، އިލެކްޝަން ކޮމިޝަނުން އެކަމަށް ހުއްދަ ދިނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ ހުއްދަ ދީފައިވަނީ މި ސަރުކާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަނަށެވެ.

އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ލިބުމާއެކު އެންދެރިމާގޭގައި އެޕާޓީއަށް މެންބަރުން ހަމަކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެގޮތުން އެޕާޓީއަށް ކުރީގެ ވަޒީރުންނާއި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުންނާއި އަންހެނުންވެސް ގުޅެމުންދާއިރު ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަނީ މިދިޔަ ހުކުރު ދުވަހު އެމްއާރުއެމްގެ މެންބަރޝިޕް ފޯމް ފުރުއްވާ އެޕާޓީއަށް ސޮއިކުރައްވާފައެވެ.

haftha.mv ©