މުޙައްމަދު ސިމާދު
18 މާރޗް 2019
މަޤްބޫލު ޙަބަރު

އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އައިމިނަތު ނާދިރާގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުން މިރޭ އޮންނާނެއެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ނާދިރާގެ ކެމްޕޭން ލޯންޗިން އޮންނާނީ މިރޭ 8:45 ގައި ލޮނުޒިޔާރަތް މަގުގައި ހުންނަ ލިންޗްޕިން ކުރިމަތީގައެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް އުފެއްދުމަށް މަސައްކަތްކުރައްވާ ރައީސް މައުމޫން ޝަރަފްވެރިކޮށްދެއްވާ މިރޭގެ ހަފްލާއަށް ނާދިރާ ވަނީ ހެންވޭރު އުތުރު ދާއިރާގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފައެވެ.

ސަރުކާރާ އިދިކޮޅު މައި ޕާޓީ، ޕީޕީއެމްގެ ކުރީގެ ނައިބް އަދި މިހާރު ރައީސް މައުމޫންގެ އެމްއާރުއެމްގައި އިސްކޮށް އުޅުއްވާ ނާދިރާ އަކީ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރެއްވި ބޭފުޅެކެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ މަސައްކަތްތަކުގައި ވެސް ނާދިރާ އިސްކޮށް އުޅުއްވިއެވެ. އަދި އެ  މަސައްކަތުގެ ތެރެއިން އޭނާ ހައްޔަރުވެސް ކުރިއެވެ.

ރައްޔިތުން މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ނާދިރާ މީގެ ކުރިން ވިދާޅުވެފައިވަނީ، އޭނާއަކީ ގަލޮޅު ދެކުނުގެ ރައްޔިތުންގެ އަޑުއަހާނެ އަދި އެ އަޑު އިއްވުމުގައި ސާބިތުކަމާއެކު ހުންނަވާނެ ބޭފުޅެއް ކަމަށެވެ.

ނާދިރާއާއެކު ގަލޮޅު ދެކުނަށް ހަ ކެންޑިޑޭޓުން ވާދަކުރާއިރު އޭނާއާއެކު އަމިއްލަ ގޮތުން ތިން ކެނޑިޑޭޓުން ވާދަކުރެއެވެ. ނަމަވެސް ނާދިރާއަކީ އެ ދާއިރާއަށް ކުރިމަތިލައްވާ ހަމައެކަނި އަންހެން ބޭފުޅާއެވެ.

މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފު ތަމްސީލް ކުރެއްވި ގަލޮޅު ދެކުނު ދާއިރާއަށް ޕާޓީތަކުން ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް އާއި ޕީޕީއެމްގެ ފަރާތުން ދާންދޫ ދާއިރާގެ މިހާރުގެ މެމްބަރު އަހުމަދު އަސްއަދު އަދި އެމްޑީޕީގެ ފަރާތުން އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް އަހުމަދު ނަސީމެވެ.

އަމިއްލަ ގޮތުން ވާދަކުރައްވަނީ ގ. ވާކްހައުސް އަހުމަދު އާޒިމް އަދި ގ. ތުނަ މިރުފަތު އިސްމާއިލް ޝަފީގެވެ.

haftha.mv 2004 ©