މުޙައްމަދު ސިމާދު
19 މާރޗް 2019
މަޤްބޫލު ޙަބަރު

ފުރަގަސް ފަރާތަށް ލައި ފޮރުވައިގެން ލ. ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އުމުރުން 37 އަހަރުގެ އެ މީހާ ހައްޔަރުކުރީ މާލެއިން ފުރައިގެން ލ. ގަމަށް ދަތުރުކުރި ކަނޑު ބޯޓަކުން މީހަކު ގަމަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، އޭނާގެ ފުރަގަސް ފަރާތަށް މަސްތުވާތަކެތި ލާފައިހުރިކަން އެނގުނީ އޭނަ ހައްޔަރުކޮށް ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވާފައިހުރި ކަމަށް ޝައްކުކުރެވިގެން ގަމު ހޮސްޕިޓަލަށް ގެންގޮސް އެކްސްރޭ ނަގައި ބެލުމުން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އޭނާގެ ފުރަގަސް ފަރާތަށް ލާފައި ހުރި ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ. އަދި އެ މައްސަލަ ލ. ގަން ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

haftha.mv 2004 ©