.
28 March 2019
މަޤްބޫލު ޙަބަރު

މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން، ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުންކުރި އަމުރު ބާތިލްކޮށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މިދިޔަ މަހުގެ އަށާރަވަނަދުވަހު ކްރިމިނަލް ކޯޓުން ކުރި އަމުރު ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން މިމައްސަލާގައި މައިގަނޑު ތިން ކަމެއް ފާހަގަކޮށް ހައި ކޯޓުން އަމުރުކުރީ، ކްރިމިނަލް ކޯޓުގެ އަމުރަށް ބަލާލުމުން ތިރީސް ދުވަސް ހަމަވާ ތާރީޚަކީ އަށާރަ މާރިޗްގެ 15:54 އަސްކަމަށްވުމުން، މިމުއްދަތު މިހާރު ހަމަވެފައިވާތީ، ޔާމީން ބަންދުގައި އިތުރަށް ބެހެއްޓޭނެ ސަބަބެއްނެތުމުން ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުން ދޫކޮށްލުމަށް އަމުރުކޮށް، ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކުރީކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވީ، ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މަނީ ލޯންޑްރިންގގެ މައްސަލައިގެ ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަމަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކެއް މިހާތަނަށް ޔާމީނާދެކޮޅަށް ލިބިފައިނުވާކަމަށް ދައުލަތުގެ ފަރާތުންނާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޖަވާބުދެއްވާފައިވާތީއާއި، މީގެއިތުރުން މިމައްސަލައިގައި ހިމެނޭ ހެކިންނަށް ނުފޫޒު ފޯރުވާފައިވާކަން ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ލިޔެކިއުންތަކުން އެނެގެން ނެތުމުން ޔާމީން ބަންދުގައި ބެހެއްޓުމަށް ކޮށްފައިވާ އަމުރު ބާޠިލުކުރީކަމަށެވެ.

ހައިކޯޓުން މިމައްސަލައިގެ އަމުރުނެރެފައި މިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހައްޔަރު ކޮށްފައިވާ މައްސަލަ ބެލުމަށް އެކުލަވައިލި ބެންޗު ބަދަލުކުރުމަށްފަހުއެވެ.

މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވިނަމަވެސް ބަލިހާލަތު ހުރިގޮތުން، ޑޮކްޓަރުގެ ލަފާދެއްވާފައިވާތީ ކުރީގެ ރައީސް ޔާމީން މިހާރު ހުންނެވީ ގޭބަންދަށް ބަދަލުކޮށްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©