.
01 April 2019
މަޤްބޫލު ޙަބަރު

ހޫނުގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތުގައި އުޅޭއިރު ދިމާވެދާނެ ގެއްލުމަކަށް ސަމާލުވެތިބުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން އިލްތިމާސްކޮށްފި އެވެ.

މަސީން މިފަދައިން އިލްތިމާސްކޮށް އިއުލާނެއް ނެރެފައި މިވަނީ މިދުވަސްވަރު އާާދަޔާޚިލާފަށް ހޫނުގަދަވާނެ ކަމަށާއި އެކަމަށް ސަމާލުވުމަށް ކަމާ ބެހޭ ފަރާތްތަކުން އާންމުންނަށް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މަސީގެ އިއުލާނުގައި ބުނެފައިވަނީ އިމާރާތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން މަސައްކަތް ކުުރުމުގެ ވަގުތުގައި ސިއްހީ ރައްކާތެރިކަމަށް ބަލައިގެން މަސައްކަތް ރާވައި އިންތިޒާމުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ގަދަ ހޫނުން ސަލާމަތްވުމަށް އެކަށީގެންވާ ގޮތަށް ހެދުން އެޅުމާއި ގިނައިން ފެން ބޮވޭނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަަށް ވެސް މަސީން ވަނީ ނަސޭހަތްތެރިވެފަ އެވެ.

މީގެ އިތުރަށް މަސައްކަތުގެ މާހައުލުގައި ހިޔާލިބޭނެ ފަދަ އިންތިޒާމެއް ގާއިމުކުރުމަށާއި، ފުރަތަމަ އެހީގެ ކަންކަން އިންތިޒާމް ކޮށްފައި ބެހެއްޓުމަށް ވެސް މަސީން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހޫނުގެ ސަބަބުން އިތުރު ފަރުވާ ބޭނުންވެދާނެ ކަމަށް ލަފާ ކުރެވޭނަމަ އެންމެ ކައިރީގައި ހުންނަ ސިއްހީ ހިދުމަތްދޭ ތަނަކުން ކުއްލި ނުވަތަ އަވަސް ފަރުވާ ލިބޭނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށްވެސް މަސީން ވަނީ އެދިފަ އެވެ.

މިދުވަސްވަރު އާދަޔާހިލާފަށް ހޫނުގަދަވާނެ ކަމަށް ހެލްތް ޕްރެޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ދަނީ ބުނަމުންނެވެ. އަދި ހޫނުން ރައްކާތެރިކަން ހޯދުމަށާއި ގިނައިން ފެން ބުއިމަށް އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

Leave a Reply

Your email address will not be published.

haftha.mv ©