Sun, 7 June, 2020, 3:00 pm
ޖަޒީރާވަންތަކަން ދެމެހެއްޓުމަށް ތިމާވެށި ރައްކާތެރިކުރުން މުހިންމު: ރައީސް
6

މި ރާއްޖޭގެ ޖަޒީރާވަންތަކަން ދެމެހެއްޓުމަށްޓަކައި، ތިމާވެށި ރައްކާތެރިކުރުމަށް އިސްކަން ދޭ ބަޔަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބޯފެން އުފެއްދުމުގައި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުންކުރުމާ މެދު ވިސްނުމަށް އެދިވަޑައިގެންފައެވެ. އަދި ވާރޭ ފެން ރައްކާކުރުން ފަދަ، ތިމާވެއްޓާ ރަޙްމަތްތެރި ގޮތްތައް ބޭނުންކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ އެމް.ޑަބްލިޔޫ.އެސް.ސީ އިން ގޭބިސީތަކަށް ގުޅައިދީފައިވާ ފެނަކީ، މުޅި މި ސަރަޙައްދުން ވެސް ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އެންމެ ސާފު ބޯފެން ކަމުގައެވެ. އަދި އެމް.ޑަބްލިޔޫ.އެސް.ސީގެ އިސްކުރުތަކުން ލިބޭ އަގުހެޔޮ ރައްކާތެރި ސާފު ފެން ބޯން ފަށައިފި ނަމަ، ޚަރަދު ކުޑަކުރެވޭނެ ކަމަށާއި، ޕްލާސްޓިކް ބޭނުންކުރުން މަދުކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މިއަދު ފެށިގެން ދިޔަ މަސްރޫޢާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ މަޝްރޫޢަކީ މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އެމަނިކުފާނު ދެންނެވި ފަދައިން، މި ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި، ރަށުގެ އާބާދީގެ ކުޑަބޮޑުމިނަށް ބެލުމެއް ނެތި، އެއް އުޞޫލަކުން، ހުރިހާ ރަށެއްގައި އަސާސީ ޚިދުމަތްތައް ޤާއިމުކުރުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ހިންގާ މަޝްރޫޢެއް ކަމުގައެވެ. އަދި މި މަޝްރޫޢުގެ އަނެއް އަމާޒަކީ ރައްޔިތުން ބޯފެނަށް ކުރަންޖެހޭ ހޭދައާއި އުފުލަންޖެހޭ ތަކުލީފް ކުޑަކުރުންކަމަށާއި، ޕްލާސްޓިކް ފުޅި ބޭނުންކުރުން ވީހާވެސް މަދުކުރުމަކީ ވެސް މި މަޝްރުޢޫގެ މުހިންމު އެއް އަމާޒުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ފަހުކޮޅު، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި މީހުން ވަޒަންވެރިވާން ފަށާއިރު، އެތަނުގެ ކޮންމެ ގޭބިސީއަކަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެކަމުގައި ވިދާޅުވެފައެވެ.

Leave a comment

Your email address will not be published.