ނަސްވާ ހަސަން
07 April 2019
މަޤްބޫލު ޙަބަރު

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)ގެ ތާއީދާއި އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށް ވިދާޅުވެ، އެމްޑީޕީއަށް ލިބުނު ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގެ ނަތީޖާއަކީ އިންތިޚާބީ ވައުދުތައް ފުއްދުމަށް ރައީސް ޞާލިހަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އެހީއެއް ކަމަށެވެ. އަދި އެމްއާރްއެމް ތާއީދު ކުރާނީ އަދި މަސައްކަތް ކުރާނީ ވެސް ރައްޔިތުންނާ ގައުމަށް ފައިދާ ހުރި ކަންތައްތަކަށް ކަމަށް ވިދާޅުވެފައިވެއެވެ.

މައުމޫންގެ ތާއީދާއެކު އިއްޔެ ނިމިދިޔަ މަޖިލިސް އިންތިޚާބުގައި 20 ކެންޑިޑޭޓުން ވާދަކުރެއްވި ނަމަވެސް ކާމިޔާބު ލިބުނީ ނިލަންދޫ ދާއިރާ އަށް ވާދަކުރެއްވި އަބްދުލް މުހްސިން ހަމީދު (ޖޭފޯ) އަށް އެކަންޏެވެ.

މައުމޫންގެ ތާއީދާއެކު އިންތިޚާބުގައި ވާދަކުރެއްވި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމާއި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫންއާއި އައިމިނަތު ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ފަދަ އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނަށް ވެސް އިންތިޚާބުގައި ކުރިމަތިވެ ވަޑައިގެންނެވީ ނާކާމިޔާބީއެވެ.

 ރައީސް މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދުވެސް ވަނީ ރައީސް ސޯލިހަށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީން ހޯދި ބޮޑު ކާމިޔާބަށް ހާއްސަ މަރުޙަބާއެއް ރައީސް ސޯލިހަށާއި ރައީސް ނަޝީދަށް ދަންނަވާ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަށް ވެސް ރަނގަޅަށް ކަންތައްތައް ވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©