މުޙައްމަދު އީމާން
08 April 2019
މަޤްބޫލު ޙަބަރު

ނިމިދިޔަ މަޖިލިސް އިންތިހާބުގެ ނަތީޖާއިން ފެނިގެންދިޔައީ ދިވެހި ރައްޔިތުން މިހާރު މި އޮތް ސަރުކާރު ބަލައިގެންފައިވާ މިންވަރުކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ އެހެން ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓުން ކުރި ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ހެނދުނު ފޯނުން ގުޅުއްވައި ތަހުނިޔާ ވިދާޅުވެ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސްއަށް ގުޅުއްވައި މޯދީ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ރާއްޖެއަކީ އިންޑިއާ އާއި ވަރަށް ގާތް ގައުމެއްކަން ފާހަގަކުރައްވައި އެގައުމުން އަބަދުވެސް ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހަށް ވަނީ އަރުވާފައެވެ.

ރައީސް ސޯލިހުގެ ވާހަކަފުޅުގައި، އިންޑިޔާގެ ބޮޑުވަޒީރު ފޯނުން ގުޅުއްވައިލައްވައި، ހެޔޮއެދިވަޑައިގަތުމުގެ ޝުޢޫރުތައް ފާޅުކުރެއްވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވެ، ބޮޑުވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ.

އަދި އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް އެމަނިކުފާނުގެ ޒަޢާމަތުގައި ވަރަށްބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާނެކަމަށާއި އިންޑިއާއަކީ އަބަދުވެސް ރާއްޖޭގެ ރަނގަޅު ރަހުމަތްތެރިއެއް ކަމުގައި ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މެދުކެނޑުމެއްނެތި އިންޑިއާއިން ވެދެއްވާ އެހީތެރިކަމަށްޓަކާ ޝުކުރުއަދާ ކުރައްވާ ކަމަށެވެ.

އޭގެ އިތުރުން ރައީސް ވަނީ އިންޑިއާގެ ކުރިއަށް އޮތް އިންތިހާބުގައި ނަރެންދުރަ މޯދީ އަށާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©