މުޙައްމަދު އީމާން
08 April 2019
މަޤްބޫލު ޙަބަރު

ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހައްޔަރުކޮށްފައިވާ ސްރީ ލަންކާގެ 25 މަސްވެރިއަކު ދޫކޮށްލަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް ސްރީލަންކާއިން ބުނެފިއެވެ.

ލަންކާގެ ނޫހެއް ކަމަށްވާ “ނިއުސް ފަސްޓް” އިން ބުނި ގޮތުގައި، އެ މަސްވެރިން ދޫކޮށްލަނީ ސިންހަލަ އަދި ޓަމިލް އާ އަހަރާ ދިމާކޮށެވެ.

ލަންކާގެ ފިޝަރީސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓާ ޕަދުމަޕްރިޔާ ތިސޭރާއާ ހަވާލާދީ އެ ނޫހުން ބުނީ، ލަންކާގެ މަސްވެރިން އަނބުރާ ގެންދިއުމަށް ބޭނުންވާ ވިސާގެ އިންތިޒާމްތައް ހަމަޖެއްސަން ބޭނުންވާ ފައިސާ ލަންކާގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ސަރުކާރުގެ ކަމާބެހޭ އިދާރަތަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.

ދިވެހި ފުލުހުންގެ ހައްޔަރުގައި ހުރި އެ 25 މީހުންނަކީ ރާއްޖޭގެ އުތުރުން ކެލާއާ 103 ނޯޓިކަލް މޭލު ބޭރުގައި، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް މިދިޔަ މާޗް މަހުގެ ކުރީކޮޅު އަތުލައިގެން ހަތަރު ބޯޓެއްގައި ތިބި މީހުންނެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ.

Leave a Reply

Your email address will not be published.

haftha.mv ©