.
09 April 2019
މަޤްބޫލު ޙަބަރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާގެ ތިން ވޯޓު ފޮއްޓެއްގެ ބާތިލު ވޯޓު އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރ އަޙްމަދު އަކްރަމް ވިދާޅުވީ މާމިގިލި ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ނިންމީ މާމިގިލި ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓެއްގެ މަންދޫބަކު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން ކަމަށެވެ. އަދި ޝަކުވާއާ ގުޅިގެން މާމިގިލި ދާއިރާގެ ވޯޓު ފޮށިތަކުގައި ހުރި ބާތިލް ވޯޓުތައް މިއަދު ގުނާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރައްވާފައިވާ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި މާމިގިލި ދާއިރާގެ ބާތިލް ވޯޓު 190 ވޯޓަށް އަރައެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާރު މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ދާއިރާގެ މިހާރުގެވެސް މެންބަރު ޤާސިމް އިބްރާޙީމެވެ. ޤާސިމް އިބްރާޙީމަށް 1081 ވޯޓު ލިބިވަޑައިގެންއިރު އެމްޑީޕީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރެއްވި އަލީ އަމީޒަށް ލިބިވަޑައިގަތީ 1001 ވޯޓެވެ.

މާމިގިލި ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނުމަށް އިލެކްޝަނުން ނިންމިއިރު މާވަށު ދާއިރާގެ ވޯޓު ފޮށިތައްވެސް އަލުން ގުނުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. މާވަށު ދާއިރާގެ ވޯޓު ފޮށިތައްވެސް މިއަދު ގުނާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©