Thu, 4 June, 2020, 12:19 pm
އިސްލާމް ދީނުގެ ސައްހަ އަޤީދާގެ މަތިން ދަރިވަރުން ތަމުރީނު ކުރުމަކީ އަމާޒެއް: ރައީސް
38

ސަރުކާރުގެ ތަޢުލީމީ ސިޔާސަތުގެ އެންމެ އިސް އެއް އަމާޒަކީ، ތަޢުލީމް ޙާޞިލްކޮށްގެން ނުކުންނަ ކޮންމެ ދަރިވަރަކީ، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައި ތަރުބިއްޔަތުވެފައިވާ ޒުވާނަކަށް ހެދުން ކަމަށާއ އެއީ އިޖްތިމާޢީ ފޭރާން ހެޔޮ ކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހު ވިދާޅުއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިދިޔަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުން ތައުލީމަށް ކަނޑައެޅި ބަޖެޓަކީ ރާއްޖޭގެ ތާރީހުގައި އެންމެ މަތީ މިންވަރުކަމަށެވެ. އަދި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް ތަޢުލީމީ ދާއިރާއަށް ޚާއްޞަކުރީ ސަބަބުތަކެއް ހުރުމާއިއެކު ކަމަށެވެ. އެގޮތުން ޤައުމު ތަރައްޤީކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ ކަމުގައެވެ.

“އެހެންކަމުން ތިޔަ ދަރިވަރުންނަކީ ވެސް، މި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވުނު ވަރަށް އަގުބޮޑު އިންވެސްޓެއް. މި ޤައުމުގެ ތަރައްޤީ ބިނާވެގެންދާނީ އެ އިންވެސްޓްމަންޓުގެ ބޭނުން ހިފޭ ގޮތެއްގެ މައްޗަށް. ތަފާތު ދާއިރާތަކުން ދަސްވެނިވެގެން ނުކުންނަ، ތިޔަ ދަރިވަރުންގެ ދެން އޮތް އެންމެ އިސް ވާޖިބެއް ކަމުގައި ހަދަންވީ، ޤައުމުގެ ތަރައްޤީގައި ބައިވެރިވުން.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވިގޮ ތުގައި ތަޢުލީމު ހޯދުމަށްޓަކައި ދިވެހި ޒުވާނުން ދަރަނިވެރިކުރުމަކީ، އޯގާތެރި ސަރުކާރަކުން ކޮށްގެންވާނެ ކަމެއް ނޫން ކަމުގައެވެ. މި ސަބަބުތަކަށްޓަކައި، ސަރުކާރުން މިހާރު ވާނީ، ރާއްޖޭގައި ތިބެގެން، ހިލޭ ފުރަތަމަ ޑިގްރީ ޙާޞިލް ކުރެވޭނެ މަގު ފަހިކޮށްދީ، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓޫޑެންޓް ލޯނުގެ އިންޓްރެސްޓް ތިނެއް އިންސައްތައަށް ކުޑަކޮށް، އަދި ލޯނު ދައްކަންޖެހޭ މުއްދަތު ވެސް މިހާރުވާނީ 25 އިންސައްތަ އިތުރުކޮށްދީފައި ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފަ އެވެ.

Leave a comment

Your email address will not be published.