.
10 April 2019
މަޤްބޫލު ޙަބަރު

ޤައުމު ތަރައްޤީކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދަރުބާރުގޭގައި ބޭއްވެވި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2018 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހް ވިދާޅުވީ މި ސަރުކާރުން، ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު އިންސައްތައެއް، ތަޢުލީމީ ދާއިރާއަށް ޚާއްޞަކުރީ ޤައުމު ތަރައްޤީކުރެވެން އޮތީ، ތަޢުލީމަށް އިންވެސްޓްކޮށްގެން ކަމަށްވާތީ ކަމުގައެވެ. މިއީ މި ރާއްޖޭގެ ތާރީޚުގައިވެސް، ބަޖެޓުގެ މިހާ މަތީ މިންވަރެއް، ތަޢުލީމަށް ޚާއްޞަކުރި ފުރަތަމަ ފަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ، ރާއްޖޭގެ އިންސާނީ ވަސީލަތްތައް ކުރިއަރުވައި ތަރައްޤީކުރުންކަމަށާއި، މި ސަރުކާރުން ޤަބޫލުކުރާ ފަލްސަފާއަކީ، ޙަޤީޤީ ތަރައްޤީއަކީ އިންސާނާގެ ނަފްސަށާއި، އޭނާގެ ޒާތަށް ގެނެވޭ ތަރައްޤީން ޙާޞިލް ކުރެވޭނެ އެއްޗެއްކަމުގައި ވިދާޅުވިއެވެ.

“އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ތީގެ ތެރެއިން ކޮންމެ ދަރިވަރަކީ، މި ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީގައި މުހިންމު ދައުރެއް އަދާކުރާނޭ ބައިވެރިއެއް. ތިޔަ ދަރިވަރުން ތަޢުލީމް ޙާޞިލް ކުރުމަށް ހޭދަކުރި ކޮންމެ ފައިސާ ފޮއްޗަކީ، އަދި ހޭދަކުރި ކޮންމެ ހިނދުކޮޅަކީ، މި ޤައުމުގެ ކުރިމަގުގެ ތަރައްޤީއަށް ތިޔަ ދަރިވަރުން ކުރި، ވަރަށް އަގު ބޮޑު އިންވެސްޓެއް.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވި ގޮތުގައި މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ، ދިވެހި ޒުވާނުންނަށް މަތީ ތަޢުލީމު ދޭންކަމަށާއި، ރައްޔިތުންނަށްޓަކައި ކޮށްދޭ ހެޔޮ ވެރިކަމެއްގައި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ހުރިހާ އެންމެންނަށް ހިލޭ އޮންނަންވާނެ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅުކުރެއްވޭކަމުގައި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©