Sun, 31 May, 2020, 11:40 am
ލެޑް ބޮކި ބަހަން ފެނަކައާ ހަވާލުކޮށްފި
5

ކަރަންޓުގެ ހިދުމަތް ބޭނުންކުރާ ކޮންމެ ގޭބިސީއަކަށް ދެ ލެޑް ބޮކި ބެހުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފިއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އެކަމަށްޓަކާ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ބޮކިތައް ފެނަކައާ ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ބޮކިތަކާ ހަވާލުވެލެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދެވެ.

ގޭބިސީތަކަށް ބަހާ ލެޑް ބޮކިތަކަކީ އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް)އިން ރާއްޖެއަށް ހަދިޔާ ކުރި 200،000 ލެޑް ބޮކިތަކުގެ ތެރެއަށް ގޭބިސީތަކަށް ދޫކުރާ ލެޑް ބޮކިތަކެކެވެ. އެ ލެޑް ބޮކީގެ ތެރެއިން ފެނަކައާ ފުރަތަމަ ހަވާލުކުރީ 5000 ލެޑް ބޮތްކެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ގޭބިސީތަކަށް ބަހާ ލެޑް ބޮކިތަކަކީ ތިމާވެށްޓާ ރައްޓެހި ކަރަންޓު ޚަރަދުކުޑަ ލެޑް ބޮކިތަކެއް ކަމަށެވެ. އަދި އިންޑިއާއިން ހަދިޔާކުރި 200,000 ބޮކިން ދުވާލަކަށް 9600 ޔުނިޓުގެ ކަރަންޓު ސަލާމަތްކުރެވޭނެ ކަމަށާއި އެއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 100 ޔުނިޓު ބޭނުންކުރާ 2,400 ގެއަށް ދުވާލަކަށް ބޭނުންވާ ކަރަންޓު ކަމަށެވެ.

ގޭބިސީތަކަށް ލެޑް ބޮކިތައް ބަހަން ފެނަކައާ މިއަދު ހަވާލުކުރިއިރު، އީއީއެސްއެލް އާއެކު އެންވަޔަރަމަންޓް މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން ލިބުނު 2500 ލެޑް މަގު ބައްތި ބޭނުންކޮށްގެން މާލޭގެ މަގުތައް އަލިކުރުމުގެ ޕްރޮގްރާމް މިދިޔަ މާރިޗް މަހުގެ ފަހުކޮޅު ވަނީ އިފްތިތާހް ކޮށްފައެވެ.

Leave a comment

Your email address will not be published.