މުޙައްމަދު އީމާން
14 April 2019
މަޤްބޫލު ޙަބަރު

ޝަހީދުންގެ ދުވަހެއްގެ ހަނދާން އާކުރަމުންދާއިރު ދިވެހިންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައެއްވަންތަކަން ބާއްވައި، ގައުމައިގެން ކުރިއަސްދާން އެބަޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބް ރައީސް ވިދާޅުވީ، ދިވެހިންނަށް އަޅުގަނޑުމެންގެ ކާބަފައިން، ގެނެސްދެއްވި އެންމެބޮޑު ހަދިޔާއަކީ މިނިވަންކަންމަތީ މި ގައުމު ދެމިއޮތުން ކަމަށެވެ.

އެގޮތުން މިއަދު ބަވަނަވެފައިވާ ދުނިޔެއެއްގައި ތަފާތު އެކި އޮއިވަރުގެ، ވިސްނަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، ދިވެހިން ގުޅުން ބަދަހިކޮށް އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ތިބެން އެބަޖެހޭ ކަމަށެވެ.

އަދި ތާރީހުގެ ތެރެއަށް ބަލާއިރު އަބަދުވެސް ފެނިފައި އޮތީ އެފަދަ ހާދިސާތައް ހިނގުމުގައި ދިވެހިންގެ ތެރެއިން ކޮންމެވެސް ބަޔަކު އެކަމުގެ ތެރެއަށް ވަދެ ގޯސްތަކެއް ހަދާފައި އޮތުން ކަމަށާއި އެއީ މިއަދު ދިވެހިން ސަމާލުވާންވީ ކަންކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑު މި ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި އަގުބޮޑު ހަދިޔާ، އަޅުގަނޑުމެންނަށް މި ލިބިފައި އޮތް އިސްލާމީ ހިދާޔަތުގެ އަލިކަން، ތާއަބަދު އޮތުމަކީ އެއީ ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާނެ ކަންތައް،” ނައިބް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިންގެ އެކުވެރިކަމާއި އެއްބައެއްވަންތަކަން ތެރޭގައި ބާއްވައި، ގައުމައިގެން ކުރިއަށްދާންޖެހޭ ކަމަށެވެ. އަދި ހެޔޮގޮތުގައި ފިޔަވަޅުތައް އަޅައިފިނަމަ، ކާމިޔާބު އިރާދަކުރެއްވިއްޔާ މިންވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©