ނަސްވާ ހަސަން
14 April 2019
މަޤްބޫލު ޙަބަރު

މިސްރުގެ އަޒްހަރު ޔުނިވާސިޓީން، އަރަބިއްޔާ ސްކޫލްގައި ކިޔަވައި ދިނުމަށް ފޮނުވާ އިތުރު 18 ޓީޗަރުން އަންނަ ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ ސްކޫލުން މިއަދު ބުނެފި އެވެ.

ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުލްރަހީމްއާ ހަވާލާދީ ވީނިއުސްގައި ބުނެފައިވަނީ، ޓީޗަރުން ފޮނުވުމުގެ އިދާރީ މަސައްކަތްތައް ނިންމައި ބުދަ ދުވަހު ރާއްޖެ އަންނާނެކަން އަންގާފައިވާ ކަމަށެވެ.

އަދި އަޒްހަރުގެ އާ ޓީޗަރުން އައުމުން، ޓީޗަރުން މަދުވުމުން ކުރިމަތިވި ގޮންޖެހުންތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޒްހަރުން މި އަހަރު 22 ޓީޗަރުން ފޮނުވަން ނިންމާފައި ވިޔަސް މިހާތަނަށް ރާއްޖެ އައީ ހަތަރު ޓީޗަރެކެވެ.

އެގޮތުން ދިރާސީ އާ އަހަރުގެ ކިޔަވަަން ފެށިއިރު އަރަބިއްޔާ ސްކޫލަށް އަޒްހަރު ޔުނިޔާވިސިޓީން ފޮނުވި ހަތަރު ޓީޗަރުންނާއެކު ކުދިންނަށް ކިޔަވައިދިނުމުގެ ކަންކަން ހަމަޖައްސަމުން ގެންދަނީ ވަގުތީ ޓީޗަރުން ބޭނުންކޮށްގެންނެވެ.

ރާއްޖޭގައި އަރަބި ތައުލީމް އުނގަންނައިދިނުމަށް މީގެ 32 އަަހަރު ކުރިން އަރަބިއްޔާ ސްކޫލު އުފެއްދި ފަހުން، ދިވެހި ސަރުކާރާއި މިސްރުގެ ސަރުކާރާ ދެމެދު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އަރަބިއްޔާ ސްކޫލަށް ޓީޗަރުން ހަމަޖައްސަނީ އަޒްހަރް ޔުނިވާސިޓީންނެވެ.

އަދި އަޒްހަރުން ފޮނުވާ ޓީޗަރުންނަށް މުސާރަ ވެސް ހަމަޖައްސަނީ އެ ޔުނިވާސިޓިންނެވެ. އޭގެ އިތުރުން އަރަބިއްޔާ ސްކޫލްގައި ކިޔަވައިދެމުން ދަނީ ވެސް މިސްރުގެ އަލްއަޒްހަރް ޔުނިވާސިޓީން ކަނޑައަޅާފައިވާ މުޤައްރަރަކަށެވެ.

މިފަހުން އަރަބިއްޔާއަށް ޓީޗަރުން ނުލިބުމުގެ މައްސަލަ ހައްލުކުރަން ސަރުކާރުގެ ވަފުދެއް މިިދިޔަ ފެބްރުއަރީ މަހު ވަނީ މިސްރަށްވެސް ގޮސްފައެވެ.

Leave a Reply

Your email address will not be published.

haftha.mv ©