ނަސްވާ ހަސަން
14 April 2019
މަޤްބޫލު ޙަބަރު

މި ސަރުކާރުން އަމާޒު ހިފާފައިވަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ، ވީހާ ގިނަ ރައްޔިތުންނަށް ލިބޭނެ ގޮތަށް، ޑިޖިޓަލް ކޮމިޔުނިކޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފުޅާކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިރާގުން ރާއްޖޭގެ އެކިއެކި ކަންކޮޅުތަކަށް ފުޅާކުރަމުންދާ ފައިބާ ބްރޮޑްބޭންޑްގެ ހިދުމަތް 75 އިންސައްތަ ގޭބިސީއަށް ފޯރުކޮށްދެވުމުގެ ކާމިޔާބީއާ ގުޅިގެން މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ވިޔަފާރިއާއި މުވާޞަލާތީ ދާއިރާ ފަހަނައަޅައި، އިޖްތިމާޢީ ގުޅުންތަކުގައި ވެސް، ދިރާގުން އަންނަނީ ރަސްކަން ކުރަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި އިންޓަނެޓް ވިއުގައިގެ ތެރެއިން، ޓީވީގެ ޚިދުމަތް ފޯރުކޮށްދޭން ފެށި ފުރަތަމަ ކުންފުންޏަކީ ވެސް ދިރާގުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން، ދިރާގު ޓީވީގެ ހިދުމަތް ރާއްޖޭގެ އާބާދީގެ 72 އިންސައްތައަށް މިހާރު ލިބެމުންދާކަމަށެވެ.

ރައްޔިތުންގެ ކުރިއެރުމާއި ލާބަޔަށްޓަކާ ޓެކްނޮލޮޖީގެ ކުރިއެރުންތައް ހޯދައިދީ، ތަރައްޤީގެ ރާސްތާގައި ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް އެ ގޮންޖެހުންތަކާއެކު ވެސް ދިރާގުން ދަނީ އައު އީޖާދީ ޙައްލުތަކައް، ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

“ދިވެހިންގެ އެންމެހައި ގުޅުންތަކާ ލާމެހިފައިވާ މި ކުންފުންޏަކީ، ރަށްރަށުގެ ތަރައްޤީގެ ވަރަށް މުހިންމު ބައިވެރިއެއް. ދިރާގަކީ، ރަށްރަށުގެ ވިޔަފާރިތައް ކުރިއެރުމުގައި، ވަރަށް މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތެރިއެއް. ވަކިން ޚާއްސަކޮށް، މާލެއާ ދުރު އަތޮޅުތަކުގައި، ރިސޯޓްތައް ތަރައްޤީ ކުރުމުގައި، ދިރާގުގެ ޚިދުމަތްތައް ވަރަށް މުހިންމު ދައުރެއް އަދާކުރޭ.” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިރާގުގެ ކާމިޔާބީތަކުގެ ސަބަބުން، ދުނިޔޭގެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެއް ސަފެއްގައި ފައި ހަމަކުރުމުގެ ޤާބިލްކަން ރާއްޖެއަށް ލިބިއްޖެކަމަށެވެ. އެހެންކަމުން، އެކާވީސް ވަނަ ޤަރުނުގެ ޑިޖިޓަލް ޖަޒީރާ ރާއްޖެއަކަށް ދިވެހިރާއްޖެ ގެންގޮސްދޭނެ ސަވާރީއެއްގެ ގޮތުގައި ފެންނަނީ ދިރާގުކަމުގައި ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published.

haftha.mv ©