ނަސްވާ ހަސަން
15 April 2019
މަޤްބޫލު ޙަބަރު

އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ ކަންކަން ބެލުމަށް “އިންތިގާލީ އަދާލަތު”ގެ ނަމުގައި ކޮމިޝަނެއް އުފައްދައި ދިނުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. އެ ބިލު މަޖިލީހަށް ހުށަހެޅީ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އެވެ.

އިމްތިޔާޒު ހުށަހެޅި އެ ބިލުގައި ބުނެފައިވަނީ އިންތިގާލީ އަދާލަތު ކޮމިޝަނަށް ގާނޫނީ ބާރުތަކެއް ވެސް ދޭންޖެހޭނެ ކަމަށެވެ. އެގޮތުން ދައުލަތުގެ މުއައްސަސާތަކުން ކޮމިޝަނަށް ބޭނުންވާ އެހީތެރިކަން ހޯދުމާއި، މީހުން ހާޒިރުކޮށް ސުވާލު ކުރުމާއި ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރު ކުރުމަށް ކޯޓު އަމުރަށް އެދުމުގެ ބާރުވެސް އިންތިގާލީ އަދާލަތުގެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނާފައެވެ.

ބިލުގައި ބުނެފައިވަނީ އެ ކޮމިޝަންގެ ބޭނުމަކީ 1 ޖެނުއަރީ 2012 އިން ފެށިގެން ނޮވެމްބަރު 17، 2018 އާ ހަމައަށް ހިންގާފައި ކަންކަން އިންސާނީ ހައްގުތަކާ ހިލާފު ކަންކަން ބެލުމަށެވެ. އަދި އެ މުއްދަތުގައި އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ ކަންކަން ބަލައި ތަހުގީގުކޮށް އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ އާއި ދެރަ ލިބިފައިވާ މީހުންނަށް އިންސާފު ހޯދުމަށް ބިލުގައިވެއެވެ.

އޭގެ އިތުރުން އެ ކޮމިޝަނުގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ފަސް މެމްބަރުން ކަމަށާއި އެ ބިލު ފާސްވެ ގާނޫނަކަށްވާ ހިސާބުން އިންތިގާލީ އަދާލަތު ކޮމިޝަން ރައީސް އުފައްދަވަން ޖެހޭނެ ކަމަށް ވެސް ބިލުގައި ބުނެފައިވެއެވެ.

އަދި އެ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތަންތަން ފާސްކުރަން ބޭނުންވެއްޖެނަމަ އެކަމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމުގެ ބާރުގެ އިތުރުން ޖިނާއީ އިޖުރާއަތު ގާނޫނުގެ ދަށުން ތަހުގީގީ އިދާރާއަކަށް ލިބިގެންވާ ހުރިހާ ބާރެއް އެ ކޮމިޝަނަށް ދޭން ބިލުގައި ވަނީ ހިމަނައިފައެވެ.

ހަމަ އެހެންމެ ކުށުގެ ތުހުމަތު ކުރެވޭ މީހަކު ފިލައިގެން ގޮސްފާނެ ކަމަށް ބެލެވޭނަމަ އެފަދަ ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ކޯޓު އަމުރަށް އެދުމާއި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކުރަން ޖެހިއްޖެ ހާލަތެއްގައިނަމަ، އެފަދަ މީހުން ހައްޔަރު ކުރުމުގެ އަމުރަކަށް ކޮމިޝަނުން ކޯޓުގައި އެދެވިދާނެ ކަމަށް ވެސް އިމްތިޔާޒު މިއަދު މަޖިލީހަށް ހުށަހެޅި ބިލުގައިވެއެވެ.

އިންތިގާލީ އަދާލަތުގެ ބިލުގެ ފުރަތަމަ ކިޔުން މިއަދު މަޖިލީހުގައި އިއްވާފައިވާއިރު މަޖިލީހުގެ މި ދައުރު ނިމިގެންދާއިރު، ބިލުގެ މަސައްކަތް ކުރިއަށް ދާނީ މަޖިލީހަށް އަލަށް އިންތިހާބުވި މެމްބަރުންނާއެކު މޭ 28 ވަނަ ދުވަހުގެ ފަހުންނެވެ.

Leave a Reply

haftha.mv ©