Mon, 25 May, 2020, 10:59 pm
ފަނޑިޔާރުންގެ މުސާރަ ބޮޑުކުރާކަށް ނުފެނޭ: ހުސްނު ސުއޫދު
33

ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށް ކުރީގެ ބަންޑާރަ ނައިބް ހުސްނު ސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު އެހެން ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު، އަންނަ މަހު ހުވާކުރާ ރައްޔިތުންގެ މަޖިލިހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރުމާ ގުޅިގެން އެކަމަށް އޭނާގެ ހިޔާލު ޓުވިޓާގައި ހިއްސާ ކުރައްވަމުންނެވެ.

ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި ސުއޫދު ވިދާޅުވީ، ފަނޑިޔާރުންގެ މުސާރަ ބޮޑުކުރަން ނުފެންނަ ކަމަށެވެ.

އަދި އެއަށްވުރެ ކޯޓުތަކުގެ ވަސީލަތްތައް ތަރައްގީ ކުރުން މާ މުހިންމު ކަމަށް ރާއްޖޭގެ ޖުޑިޝަރީ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އަބްދުﷲ ނަޒީރު ޓެގް ކުރައްވާ ސުއޫދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތަކާ މެދު ގޮތެއް ނިންމުމުގެ ބާރު، އަންނަ މަހު ހުވާކުރާ ރައްޔިތުންގެ މަޖިލިހަށް ދިނުމަށް މާލިއްޔަތު ކޮމިޓީން މިއަދު ފާސްކުރީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުންނަށް ދެމުން އަންނަ މުސާރައިގެ އޮނިގަނޑެއް ކަނޑައަޅައި އެކަމާމެދު ގޮތެއް ނިންމުމަށް ކޮމެޓީއަށް ސިޓީ ފޮނުވާފައިވުމުންނެވެ.

ޖޭއެސްސީ އިން ފޮނުވި ސިޓީގައި ބުނެފައިވަނީ، ފަނޑިޔާރުންގެ މުސާރަ އާއި އިނާޔަތްތައް މިހާތަނަށް އައި އިރު ރިވިއުކޮށްފައި ނުވާ ކަމަށާއި މިހާރު ފަނޑިޔާރުންނަށް ލިބޭ މުސާރައަކީ ދިރިއުޅުމުގެ ހަރަދުތަކާއި އެބޭފުޅުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު ކުޑަ މުސާރައެއް ކަމަށެވެ.

ނަމަވެސް މާލިއްޔަތު ކޮމެޓީގައި ބަހުސް ކުރައްވަމުން ބައެއް މެންބަރުން ވަނީ ފަނޑިޔާރުންނަކީ އެންމެ ރަނގަޅު މުސާރައެއް ލިބޭ ވަޒީފާގެ އިތުބާރު ލިބިފައިވާ ބައެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއަހަރަށް ދައުލަތުގެ ބަޖެެޓް ފާސްކޮށްފައި އޮއްވައި، މުސާރައަށް ބަދަލު ގެންނަން ތާއީދުނުކުރައްވާ ކަމަށް ބައެއް މެންބަރުން ވިދާޅުވިއެވެ.

ފަނޑިޔާރުންގެ މަސްއޫލިއްޔަތާ އަޅާބަލާއިރު ކުޑަ މުސާރައެއް ލިބޭ ކަމަށް ޖޭއެސްސީން ބުނާއިރު، މަޖިލީހުން ފާސްކުރި ފަނޑިޔާރުންގެ މުސާރައަށް ބަލާއިރު އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 73،125 ރުފިޔާ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް 71،000 ރުފިޔާ ލިބިވަޑައިގަންނަވައެވެ.

އަދި ހައި ކޯޓުގެ އިސް ފަނޑިޔާރަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 56،300 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް 54،300 ލިބިވަޑައިގަންނަވާނެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަށް މުސާރައާ އިނާޔަތުގެ ގޮތުގައި 49،300 ރުފިޔާ ލިބިލައްވާއިރު، އެ ކޯޓުގެ އެހެން ފަނޑިޔާރުންނަށް 48،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ.

އޭގެ އިތުރުން ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގެ ފަނޑިޔާރުންނަށް މުސާރައާއި އިނާޔަތުގެ ގޮތުގައި 46000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، އިސް މެޖިސްޓްރޭޓަކަށް 25،600 ރުފިޔާ އަދި މެޖިސްޓްރޭޓަކަށް މަހަކު 23،450 ރުފިޔާ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާނެއެވެ.

Leave a comment

Your email address will not be published.