.
17 April 2019
މަޤްބޫލު ޙަބަރު

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުގައި، އެ މަޖިލީހުގެ ރައީސްކަމަށް ކުރިމަތިލައްވަން ޝައުގުވެރިކަން އެބަ ހުންނެވި ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ރޮޒެއިނާ ވަނީ މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަން ހުންނެވިކަމަށް ފާޅުކުރައްވާފައެވެ. އަދި ރޮޒެއިނާ ވިދާޅުވީ އަންހެން ބާރުވެރިކުރުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެއް ކަމަށާއި، އެހެންކަމުން އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން އެންމެ ރަނގަޅު ވަގުތުތަކީ މިއީކަމަށްވެސް ރޮޒެއިނާ ވިދާލުވިއެވެ.

” އަންހެން ބާރުވެރިކުރުވުމަކީ ރައީސް ސޯލިހުގެ ވައުދުފުޅެއް. އަދި މިއީ އަންހެނަކު މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލާން އެންމެ ރަނގަޅު ވަގުތު. އެހެން ނަމަވެސް އެމްޑީޕީގެތެރޭގައި އެފަދަ ކަންކަން ނިންމާނީ ޕާލަމެންޓްރީ ގްރޫޕުން.” އައްޑޫމީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާގެ އިތުރުން މިހާތަނަށް މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި، ކުރީގެ ހޯމް މިނިސްޓަރު އަދި ކުރިއަށް އޮތް މަޖިލީހުގައި ވިލުފުށީ ދާއިރާ ތަމްސީލްކުރައްވާ މެންބަރު ހަސަން އަފީފާއި، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ.

މި ބޭފުޅުންގެ ތެރެއިން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމަކީ މަޖިލީހުގެ ރައީސްކަމަށް އެންމެ އެކަށީގެންވާ ބޭފުޅާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާއިރު، މަޖިލީހުގެ ރައީސްކަމަށް ބޭފުޅަކު އިންތިޚާބުކުުރުމަކީ އެޕާޓީއަށް ވަރަށް ފަސޭހަކަމެކެވެ.

Leave a Reply

haftha.mv ©