ނަސްވާ ހަސަން
17 April 2019
މަޤްބޫލު ޙަބަރު
ދިވެހި ބަހާއި އަދަބިއްޔާތުގެ މުދައްރިސު އަބްދުﷲ ސޯދިގު (ސޯދުބެ) ހަޔާތުގެ މައްޗަށް، ކަށިމާ އަހުމަދު ޝާކިރު ލިޔުއްވި ބަޔޯގްރަފީ ފޮތް ރޭ ނެރެފި އެވެ.ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ‘ދިވެހި ބަހާއި އަދަބިއްޔާތުގެ އުސްތާޒް އަބްދުﷲ ސޯދިގުގެ ހަޔާތުގެ ހަނދާންތައް’ ގެ ނަމުފައި ތައްޔާރުކޮށްފައިވާ ފޮތް ނެރެއްދެއްވީ ސޯދިގުގެ ޝަރަފްވެރި ދަރިވަރެއް ކަމަށްވާ، ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އެވެ.

ދިވެހި ބަހުން 61 ފޮތް ލިޔުއްވާފައިވާ ސޯދިގުގެ ހަޔާތާ ބެހޭ ގޮތުން މިހާތަނަށް ނެރުނު އެންމެ ތަފްސީލީ މި ފޮތުގައި، ސޯދިގު އުފަން ރަށް މ. މުލީގައި ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވި ގޮތުގެ ވާހަކަ އިން ފެށިގެން ކިޔަވައި ވިދާޅުވާން މާލެ ވަޑައިގެން ސަރުކާރުގެ ބޯޑިން ދާރުލްއިގާމާގައި ހޭދަކުރެއްވި ދުވަސްވަރުގެ ވާހަކަތައް ހިމެނެއެވެ. އޭގެ އިތުރުން ސަރުކާރުގެ ޗާޕުހާނާ އިން ފެއްޓެވި މަސައްކަތު ހަޔާތުގެ ދުވަސްތަކާއި ނޫސްވެރިއެއްގެ ގޮތުގައި ކުރެއްވި ތަޖުރިބާތަކާއި ޒާތީ ދިރިއުޅުއްވުމުގެ ވާހަކަތަކުގެ އިތުރުން “ދޮންހިޔަލަ އާއި އަލިފުޅު” ވާހަކަ ލިޔަން ތިލަންދުންމައްޗަށް ކުރެއްވި ދަތުރުގެ ވާހަކަތައް ވެސް ހިނެމެއެވެ. 377 ސަފުހާގެ މި  ފޮތުގެ އަގަކީ 350ރ. އެވެ.

ސޯދިގުގެ ހަޔާތުގެ ހަނދާންތައް ލިޔުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެ ޝާކިރު ވިދާޅުވީ މިއީ ހިދުމަތްތެރިންގެ ހިދުމަތުގެ އަގުވަޒަންކޮށް އެ ބޭފުޅުންގެ އެ ހިދުމަތުގެ ހަނދާންތައް އާކުރުމުގެ ގޮތުން ކުރައްވާ މަސައްކަތުގެ ތެރެއިން ހިމެނޭ އިތުރު ފޮތެއްކަމަށާއި މިފަދަ ފޮތްތައް ލިޔުމަކީ އަންނަނިވި ޖީލުތަކުގެ ދަރިންނަށްޓަކައި ވެސް މި ޖީލުގައި ދިރިއުޅޭ މީހުން ކުރަން ޖެހޭ ކަމެއް ކަމަށް ޝާކިރު ވިދާޅުވި އެވެ.

ކުރީގެ ވަޒީރު އުމަރު ޒާހިރުގެ ހަޔާތްޕުޅުގެ މައްޗަށް ވެސް ފޮތެއް ލިޔުއްވާފައި ޝާކިރު ވިދާޅުވި ގޮތުގައި ރާއްޖޭގައި މީގެ ކުރިން އުޅުއްވި ނުހަނު އިލްލީ ބޭބޭފުޅުންގެ ހިދުމަތުގެ ހަނދާންތައް އެއްކޮށްލެވި، އެއް ފޮތެއްގައި، ލިޔެވިފައި ހުންނަތަން ފެންނަލެއް ވަރަށް މަދުކަމަށާއިނަތީޖާއެއްގެ ގޮތުން ދިވެހި ގައުމަށް ވަނީ ވަރަށް އަގުހުރި ތަރިތަކެއް ގެއްލިފައި ކަމަށް ވިދާޅުވި އެވެ. އަދި އެފަދަ ބޭބޭފުޅުންގެ ވާހަކަތަކާއި ފޮތްތައް ޅަދަރީންނާއި ޒުވާނުންނަށް ކިޔައިދީ ނަމޫނާ ނެގޭނެ މަގު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ވެސް ޝާަކިރު ވިދާޅުވި އެވެ.

Leave a Reply

Your email address will not be published.

haftha.mv ©